ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް. ޖައިޝަންކަރު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގައި އިންޑިއާއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި މިނިސްޓަރު އިރުތިޝާމް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، އިގްތިސާދީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ތަފްސީލީ ގޮތެއްގައި މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރުގެ ދައުވަތަކަށް، މިނިސްޓާ އިރުތިޝާމް އާދަމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ހާރިޖީ ވުޒާރާގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.