އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި މަޝްރޫއުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރުމާއި، އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ތަރައްގީކުރާ "ހަންކެޑެ" އާއި އެ ސިޓީގެ ގުޅިފައިވާ ރަށްތަކާ ގުޅާލާ ހަންކެޑެ ބްރިޖްގެ މަޝްރޫއު މިއަދު އިފްތިތާހް ކޮށްފިއެވެ.

މި ދެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފައި މި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް މިއަދު އައްޑޫއަށް ކުރެއްވި ދަތުރުގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ޖުމްލަ 184.3 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ، އެގޮތުން ހިތަދޫގެ ދެ ސަރަހައްދެއް ހިމެނޭހެން 80 ހެކްޓަރު، މަރަދޫ އަދި މަރަދޫފޭދޫގައި 76 ހެކްޓަރު، އައްޑޫ ޑީޓުއާ ލިންކްގެ އެންބޭންކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރު އަދި ފަތުރުވެރިކަމަށް ހާއްސަކޮށް 8.3 ހެކްޓަރުގެ ތިން ރަށެއް ވަނީ ހިއްކާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހިއްކާފައިވާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ހަންކެޑެ ބްރިޖު ހިމެނޭ ސަރަހައްދުގައި ޖުމްލަ ކިލޯމީޓަރުގެ ބޮޑު ހިލަ ވަނީ ޖަހާފައެވެ. ފަތުރުވެރިކަމަށް ހާއްސަކޮށް ހިއްކާފައިވާ ތިން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 4.1 ކިލޯމީޓަރުގެ ޖިއޯޓިއުބް ތޮށިލުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.

މި މަޝްރޫއުގެ ތެރެއިން ހިތަދޫ ޒޯން 2 ގައި ތަރައްގީކޮށްފައިވާ ބީޗަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީކޮށްފައިވާ އެންމެ ދިގު އާޓިފިޝަލް ބީޗް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.