އިންޑިއާއިން އައްޑޫ ސިޓީގައި ހިންގި ތަރައްގީގެ ބޮޑު ދެ މަޝްރޫއެއްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލުކުރުމަށް، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް މިއަދު ހެނދުނު އައްޑުއަށް ވަޑައިގެންފިއެވެ.

އައްޑުއަށް ވަޑައިގަތުމާއެކު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އަދި އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވީ އިންޑިއާއިން އެ ސިޓީގައި ހިންގި ތަރައްގީގެ ދެ މަޝްރޫއެއްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލުކުރަން ކަމަށެވެ. އެ ދެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސަދީފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އާއި އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ތަރައްގީކުރާ "ހަންކެޑެ" އާއި އެ ސިޓީގެ ގުޅިފައިވާ ރަށްތަކާ ގުޅާލާ ހަންކެޑެ ބްރިޖްގެ މަޝްރޫއެވެ.

މީގެއިތުރުން ޖައިޝަންކަރު ވަނީ އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަޝްރޫގެ މަސައްކަތް ބައްލަވާލަން ވެސް ވަޑައިގެންފައެވެ.

ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެން މި އުޅުއްވަނީ 3 ދުވަހު މުއްދަތަށް ކުރައްވާ ރަސްމީ ދަތުރެއްގައެވެ. މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުން ދާ ބައެއް މަޝްރުއުތަކުގެ ނިމުން ފާހަގަ ކުރުމާއި އާ އެއްބަސްވުންތަކުގައި ސޮއިކުރުން ހިމެނެއެވެ. އެގޮތުން ޖައިޝަންކަރު ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ މަޝްވަރާތަކަށް ފަހު ދެގައުމު ގުޅިގެން ކުރިއަށް ދާނެ ދާއިރާތަކާއި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

އެގޮތުން، އުމްރާނީ ތަރައްގީ އާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި، އެކިދާއިރާތަކުން މީހުން ބިނާ ކުރުމާއި މިހާރު ކުރިއަށް ދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ ޕޭމަންޓް ގޭޓްވޭ ރާއްޖޭގައި ބޭނުން ކުރުން ފަދަ މުހިންމު ދާއިރާތަކުން ކުރިއަށް ދިޔުމަށް އެއްބަސްވެފައި ވެއެވެ.