ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމު ވިލިމާލޭގައި ފަށައިފި އެވެ.

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެ ކޮމެޓީގެ އެހީތެރިކަމާއެކު ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު، ވަޒީރު ޑރ އައިޝަތު ޝިހާމް ވެސް ވަނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ގެތަކަށް ޒިޔާރަތް ކުރައްވާފަ އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އެ ވުޒާރާއިން ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު، އެ ވުޒާރާއިން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޒިޔާރަތްކުރަމުން ނެވެ.

ހާލު ކިހިނެތް ޕްރޮގްރާމް ވިލިމާލޭގައި ފެށުން / ފޮޓޯ: އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއި

މި ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހާލު ކިހިނެތް ޕްރޮގްރާމް ވިލިމާލޭގައި ފެށުން / ފޮޓޯ: އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއި

އެކި ދުވަސް ދުވަހަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް އެ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅުއްވާ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް މައުލޫމާތު ދެއެވެ. އަދި ހާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ ވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދެއެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމައުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.