ސައިބާކްރައިމްގެ ނަމުގައި މަޖިލީހަށް ފޮނުވާފައިވާ ބިލަކީ ފަރުދީ ހައްގުތަކަށް އަރައިގަތުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިދޭ ބިލެއްކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންއެފް އިން ބޭއްވި ހަރުގެ ޖަލްސާގައި ޔާމީންވަނީ، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސައިބަ ކްރައިމްއާ ގުޅޭ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޔާމީން ވިދާޅުވީ އެ ބިލްތައް ގާނޫނަކަށް ވެއްޖެ ނަމަ ބޭނުންވާ ކޮންމެ މީހެއްގެ ފޯނާ، ކޮމްޕިއުޓަރުތަކުގައި ރައްކާކޮށްފައިވާ މައުލޫމާތު މޮނިޓާކޮށް ބެލުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ.
ފުލުހުން ބާރުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ނުކުރާ ކަމަށާއި އެހެންވެ، ފުލުހުންނަށް އިތުރު ބާރުތައް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ސައިބާ ކްރައިމްގެ ބިލަކީ ވަރަށް ނުރައްކާތެރި ބިލެއްކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެއީ ފަރުދީ މިނިވަން ކަމަށް އަރައިގަތުންކަމުގައި ސިފަކުރައްވާފައެވެ. އެފަދަ ގޮތަކަށް ހައްގުތަކަށް އަރައިގަތްކަމުގައި ވީނަމަވެސް އެކަން ބެލޭނެ ގާނޫނީ އިންތިޒާމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެކަމަށް އޮތް މުއައްސަސާކަމުގައިވާ އިންޓެގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިޔަސް ކުރިއަށް ނުދާކަން ޔާމީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ހަނގުރާމައާ ގުޅޭ ކަންކަމާއި އޯގަނައިޒްޑް ކުރައިމްއާ ގުޅޭ ތުހުމަތުތަކުގައި މުއާމަލާތްތައް އަޑު އެހުމުގެ ގާބީލްކަމާއި ބާރު ފުލުހުންނަށް މިހާރު ވެސް ލިބޭ ކަމަށާއި ކޯޓު އޯޑަރެއް ހޯދައިގެން ފޯނު ފަދަ ޑިވައިސްތައް ބެލޭނެކަމަށެވެ. އަދި ފުލުުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ވާނީ ފުލުހުންގެ އަމަލުން ކަމަށާއި އިތުބާރު ގެއްލެނީ ބެހެން ނުޖެހޭ ކަންތައްތަކާ ބެހި، ކުރަން ނުޖެހޭ ވަރަށް އެކްސެސިވް ބާރު ބޭނުކުރާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ސައިބާ ކުށްތަކާ ގުޅޭ ތިން ބިލެއް ދިރާސާކުރަމުން އަންނައިރު، އެއީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އަދި ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.