ސަރުކާރުން ޓެކްސީ ލައިނެއް ފަށަން ނިންމާފައި ވާތީ މާލޭގެ ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިން ކައިރީގައި އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން މިއަދު އަޑުއުފުލާފައި ވާއިރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރިއުޅުމަށް ކުރާ އާންމު މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން މަސައްކަތް ކުރުމެވެ.

އެމީހުންގެ އިހުތިޖާޖު ފަށާފައި ވަނީ މިއަދު ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ޓެކްސީ ޑްރައިވަރުން ހުށަހެޅި ކަންކަމަށް އެއްބަސް ނުވުމުންނެވެ. އަދި އެކަމާ ހިތްހަމަނުޖެހި ޕޯސްޓަރުތަކެއް ހިފައިގެން ނުކުމެ އިހްތިޖާޖުގެ ބައެއް ބައިވެރިން ވަނީ މިނިސްޓަރު އަމީންގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

އަދި ހަމައެހެންމެ ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމަށް ނިންމާފައި ނިންމުން ބަދަލުކޮށް އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ޓެކްސީ ޑްރައިވަރުންނާއި މިނިސްޓްރީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޓެކްސީ ޑްރައިވާސް

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާ އެކަން އިއުލާންކޮށްފައި ވަނީ "މާލެ ފަހި ޕްރޮގްރާމް"ގެ ތެރެއިންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުން ގެންދާގޮތަށް، ޒަމާނީ، ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުރުބާރު ހިފޭ ޓެކްސީ ލައިނެއް ތައާރަފްކޮށް ހިދުމަތް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލައިގެން ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން މިފަދައިން ނިންމާފައިވާއިރު ދޭތެރެ ދޭތެރެއިން ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތައް ސަރުކާރަށް ދަނީ ކުރިމަތި ކުރަމުންނެވެ. ހަމައެހެންމެ ޓެކްސީ ޑްރައިވަރުން ދެމުންދާ ހިދުމަތުާ މެދު އާންމުން ހިތްހަމަނުޖެހި އެ ހިދުމަތާ މެދު ޝަކުވާ ކުރުން ވަނީ އާންމުވެފައެވެ.