ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ގިނަ މިސްކިތްތަކެއްގައި ކަށުނަމާދު ކޮށްފިއެވެ.

ހަނިއްޔާގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުގައެވެ. ރާއްޖޭގެ އިތުރުން ހަނިއްޔާގެ މައްޗަށް ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ވަނީ ކަށުނަމާދުކޮށްފައެވެ.

ހަމާސްގެ ލީޑަރު ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ އީރާނުގެ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުއެވެ. ދިވެހި ސަރުކާރުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ވަނީ ހުރިހާ ގައުމުތަކުންވެސް ބައިނަލްއަގުވާނީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ނަގަހައްޓައި ގާޒާގެ ހަމަނުޖެހުމަށް އަވަސް ހައްލެއް ހޯދައި ސަރަހައްދީ ހަމަޖެހުން ޔަގީން ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މި ބަޔާނުގައި ހަނިއްޔާ އަވާހާރަ ކޮށްލި އިޒްރޭލު ކުށްވެރި ކޮށްފައެއް ނުވުމާ ގުޅިގެން ގިނަ އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރާއްޖެއިން އިޒްރޭލު ކުށްވެރި ނުކުރީ ކޮން ސަބަބަކާ ހުރެކަން ސާފު ނުވާ އިރު، ބައިނަލްއަގުވާމީ ހަބަރުފަތުރާ ފަރާތްތަކުންނާއި އީރާނާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކުން، އެ އަމަލު ހިންގީ އިޒްރޭލު ކަމަށް ބުނެ، އިޒްރޭލުގެ އެ އުދުވާން ކުށްވެރި ކޮށްފައި ވެއެވެ.

ބައެއް ހަބަރުތަކުން ބުނާގޮތުން އިޒްރޭލުން ހަނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ، ވަޓްސްއެޕް މެދުވެރިކޮށް ހަނިއްޔާ ހުންނެވި ސީދާ ތަން ދެނެގަނެ، ޑްރޯން ބޭނުންކޮށްގެން ދިން މިސައިލް ހަމަލާއެއްގައެވެ.