ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލައިފިއެވެ.
އީރާނުގެ އާ ރައީސް މައްސޫދު ޕެޒެސްކިއާން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ވެރިރަށް ތެހެރާނުގައި ހުންނަވަނި ކޮށް އިޒްރޭލުން ދިން މިހަމަލާގައި ހަނިއްޔާގެ ބޮޑޫގާޑަކުވެ މަރުވެފައި ވާ ކަމަށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ހަނިއްޔާ އަވަހާރަ ވިކަން އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އިއުލާން ކޮށްފައެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ދިނުމަށް ޖެހިގެން އައި ދުވަހު އަސްކަރީ އުދުވާން ފަށަމުން އިޒްރޭލުން ވަނީ ހަނިއްޔާ އާއި އިސް ލީޑަރުންގެ އިތުރުން މުޅި ހަމާސް ދުއްވާލާނެ ކަމަށް ބުނެފައެވެ. އެ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި 1200 މީހަކު މަރުވެފައި ވާއިރު ބަދަލު ހިފަން އިޒްރޭކުން ފަށާފައިވާ ހަނގުރާމައި ގާޒާއިން މިހާތަނަށް 39,400 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.
ފަލަސްތީނުގެ ގާޒާ އަކީ ހަމާސްގެ ކޮންޓްރޯލް ގައި އޮންނަ ސަރަހައްދަކަށް ވާއިރު ހަމާސްގެ މުޖާހިދުން ދިރިއުޅެނީވެސް އެތާނގައެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރުގެ ގޮތުގައި ހުންނެވި ހަނިއްޔާ 2019 އިން ފެށިގެން ދިރިއުޅުއްވަމުން ގެންދެވީ ކައިރީގައި އޮންނަ ގަތަރުގައެވެ. ގަތަރުގައި އޭނާ ހުންނެވި އިރު ހަމާސް އާއި އިޒްރޭލުގެ ޖާޖޫސީ އިދާރާތަކާ ދެމެދު ގިނަ މަޝްވަރާތައް ހިނގި އިރުވެސް އޭނާ ހުންނެވިއެވެ.
ގާޒާގައި ހުންނަވާ ހަމާސްގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނަވާ ޔަހުޔާ ސިންވާރު ދިރިއުޅުއްވަނީ ގާޒާގައެވެ. ގާތްގަނޑަކަށް 90 ހާސް މީހުން ޒަހަމްވެ އަދި 10 ހާހަށް ވުރެ ގިނަ ކުޑަކުދިންގެ ފުރާނަ ގެއްލިގެން ގޮސްފައިވާ ކުރިއަށްދާ ގާޒާ ހަނގުރާމަ މިއަދާ ހަމައަށް އައިއިރުވެސް އިޒްރޭލަށް ސިންވާރު އަތުޖެހޭ ގޮތެއް ނުވެއެވެ. މޮސާޑާއި އެމެރިކާގެ އންޓެލިޖަންސްގެ ވެރިން ބުނާގޮތުން ސިންވާރު ދިރިއުޅުއްވަނީ ގާޒާގެ އަޑީގައި އޮންނަ ބިންގަރާސްތަކުގެ ތެރޭގައެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ކުރެވެމުން ދާ ގިނަ މަޝްވަރާތަކުގައި ހަމާސްގެ ޓީމުގައި ބަސް ވިދާޅުވާ އެއް ބޭފުޅަކީ ހަނިއްޔާ ކަމަށް ވާއިރު, އޭނާ އަވަރާހަ ކޮށްލުމާއެކު ސުލްހައިގެ ވާހަކަތަކަށް ހިޔަނި އެޅިގެން ދާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ހަނިއްޔާ ތެހެރާންގައި ހުންނަވަނިކޮށް ދިން މިހަމަލާގެ ތަހުގީގު އީރާނުން ފަށާފައި ވާ އިރު, ހަމަލާ ދިން ގޮތުގެ ތަފްސީލުތަކެއް އިޒްރޭލުންވެސް އަދި އީރާނުންވެސް އަދި ހަމާސްއިންވެސް ހާމައެއް ނުކުރެއެވެ.