އައްޑޫ ސިޓީހގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަންނަމަހުގެ ތެރޭގައި ހައްލުވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެއްޖެއެެވެ.
ތޯރިގް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް ކަހަލަ ކުރިއެރުމެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރު އައިއިރު އެތަނުގެ މެއިންޓެނެންސް ކުރެވިފައި ނުވާ ކަމަށާއި އެތަނަށް ބޭނުންވާ އިތުރު ޖަނަރޭޓަރު ނުވަތަ ސްޕެއާ ޕާޓްސް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގް ވިދާޅުވިއެވެ.
އައްޑޫސިޓީއަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި ގާތްގަނޑަކަށް 12 މެގަ ވޯޓްގެ ކަރަންޓު ބޭނުންވާކަން ފާހަގަ ކުރައްވާ ތޯރިގް ވިދާޅުވީ އައްޑޫސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް 20 ޖަނަރޭޓަރު ސެޓު ބަހައްޓާފައި ހުރި ނަމަވެސް އޭގެތެރެއިން 5 ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށެވެ.
އެ 20 ޖަނަރޭޓަރުގެ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަ ވޯލްޓް ކަމަށާއި 5 ޖަނަރޭޓަރު ހަލާކުވެފައި ހުރުމުން މިހާރު އުފެއްދެނީ 15.5 މެގަ ވޯލްޓްގެ ކަރަންޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަބަބާހުރެ އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މިިނިސްޓަރު އިތުރަށް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް 1.5 މެގަވޯލްޓްގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށެވެ. އަދި އޮގަސްޓު މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށެވެ.
މީގެއިތުރުން އިތުރު 3 ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދާފައިވާ ކަމަށާއި 3 ޖަނަރޭޓަރު ވެސް އޮގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަލާކުވެފައިވާ 2 މެގަ ވޯލްޓްގެ 2 ޖަނަރޭޓަރު އޯވާ ހޯލްކޮށް މިއަހަރުތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.