ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދަން މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅައިފިއެވެ.

އެކަން ހާމަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިވެލޮޕްމެންޓު ބޭންކު ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެދި މަރުކަޒީ ބޭންކަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ޑިވެޕޮލްމެންޓް ބޭންކް މި މަހު ހުޅުވާނެ ކަން ސައީދު އިއުލާން ކުރައްވާފައި ވަނީ ރޭގައެވެ. ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކްގެ ހުރިހާ ދިރާސާއެއް ހެދި، ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައިވާކަމަށެވެ.

އަދި ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ބޭންކް ހިންގަން ހަވާލުކުރާނީ ދުނިޔޭގެ ފެންވަރުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ކަން ހާމަ ކުރައްވާ ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ ނޫހެއްގައި މި ބޭންކަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކުރާނެކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ސަރުކާރުން މިހާރު އިމާރާތެއް ތައްޔާރުކުރަމުން ދިޔަ ނަމަވެސް ބޭންކު ގާއިމުކުރުމަށް ނިންމާފައިވާ ވަކި އިމާރާތެއްގެ ނަން ހާމަކޮށްފައި ނުވެއެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމުގެ އިތުރުން އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ކުންފުންޏެކެވެ.