ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދަން މާދަމާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނި އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މިއީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެން އުފައްދާ ކުންފުންޏެކެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމުގެ އިތުރުން އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ކުންފުންޏެކެވެ.

އެ ބޭންކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޓީވީ ޕްރޮގްރާމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ހުރިހާ ދިރާސާއެއް ހެދި، ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައިވާކަމަށެވެ. އަދި ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ބޭންކް ހިންގަން ހަވާލުކުރާނީ ދުނިޔޭގެ ފެންވަރުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ކަން ހާމަ ކުރައްވާ ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ ނޫހެއްގައި މި ބޭންކަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކުރާނެކަމަށެވެ.

"އިންޓަނޭޝަނަލް ފެންވަރުގެ މީހަކު އަޅުގަނޑުމެން ހޯދާނީ. މީހަކު ވަންދެން ކުންފުނި ހިންގަން އެމްޑީއެއް ހުންނަވާނެ. އެއީވެސް މިހާރު ތިއްބެވި ބޭރުގެ ދެ ތަޖުރިބާކާރުންގެ ތެރެއިން ބޭފުޅަކަށް ވާނީ،"
އިކޮނޮމިކް މިނިސްޓަރު، ސައީދު

ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ސަރުކާރުން މިހާރު އިމާރާތެއް ތައްޔާރުކުރަމުން ދިޔަ ނަމަވެސް ބޭންކު ގާއިމުކުރުމަށް ނިންމާފައިވާ ވަކި އިމާރާތެއްގެ ނަން ހާމަކޮށްފައި ނުވެއެވެ.

އެ ބޭންކްގެ މަސައްކަތް ފަށަން ސަރުކާރުން ކުރިން ނިންމީ މިމަހުގެ ތެރޭގައެވެ. ނަމަވެސް ސައީދު ވިދާޅުވީ ދިމާވި ތަފާތު ސަބަބުތަކަކާ ގުޅިގެން މިހާރުގެ އަމާޒަކީ ކުރިއަށް އޮތް އޮގަސްޓް މަހު ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ރަސްމީކޮށް ފެށުން ކަމަށެވެ. "އަޅުގަނޑުމެން ކުރިން ލަފާކުރީ ޖުލައިމަސް ތެރޭގައި މި ހުރިހައި ކަމެއް އަޅުގަނޑުމެންނަށް ނިންމޭނެކަމަށް. ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ލަފާމިކުރެވެނީ އަންނަ މަހު އިރާދަކުރެއްވިއްޔާ މި ބޭންކް ވުޖޫދުކުރެވޭނެ." ސައީދު ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކް ވުޖޫދުވުމުން ރިސޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ ފައިސާ އަނބުރާ ލިބުމަށް އެތައް ގުނައެއް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސައީދު ވިދާޅުވިގޮތުގައި އެފަދަ 75 ރަށް މިހާރު ވެސް އެބަހުއްޓެވެ.