ރައްޓެހިންނާއެކު ބޭރަށް ގޮސްފި ނަމަ އެނބުރި އައުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ދެވޭ އިންޒާރަކީ، ނުވަތަ ކަމެއް އޮޅުންފިލުވައިދޭއިރު އަނެކާއަށް އެކަން ނުވިސްނޭނެ ކަމަށް ބުނެ ދެރަކޮށްލުމަކީ ހަމައެކަނި ހިތްހަމަނުޖެހުމެއްގެ ތެރެއިން ބޭރުވެގެންދާ އާދައިގެ ބަސްތަކެއް ނޫނެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގައި ހިޔާލު ތަފާތުވުންތަކާ، ދެބަސްވުންތައް ކުރިމަތިވުމަކީ އާންމު ކަމަކަށް ވިޔަސް، އެފަދަ ހާލަތްތަކުގައި ބޭނުންކުރާ ބަސްމަގު ނުރައްކާތެރި ހަރުފަތަކަށް ބަދަލުވާ ހިސާބު ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބަހުގެ އަނިޔާއަކީ އަނެކާގެ މައްޗަށް ބާރުވެރިކަން ހޯދުމަށާ، ކޮންޓްރޯލްކުރުމަށް ނުވަތަ ބިރުދެއްކުމަށާ ގެއްލުންދިނުމަށް ބަސްމަގު ބޭނުންކުރުމެވެ.

ދިރާސާތަކުން ދައްކާގޮތުން މިފަދަ އަމަލުތަކަކީ ހަމައެކަނި ދެމަފިރިން ނުވަތަ ލޯބިވެރިންގެ ދެމެދުގައި ހިނގާ ކަމެއް ނޫނެވެ. މިއީ މައިންބަފައިންނާ ދަރިންގެ ގުޅުމާ، އާއިލީ ގުޅުންތަކާ، އެކުވެރިންގެ މެދުގައި އަދި ވަޒީފާގެ މާހައުލުގައި ވެސް ކުރިމަތިލާންޖެހޭ ކަންކަމެވެ. މީގެ ތެރޭގައި މީހަކަށް ނުރުހޭ ނަންނަމުން ގޮވުމާ، ދެރަކޮށްލުމާ، ބިރުދެއްކުމުގެ ނުވަތަ ކޮންޓްރޯލްކުރުމުގެ ބަސްމަގު ބޭނުންކުރުން ހިމެނެއެވެ. އަދި ނަފްސާނީ ގޮތުން ދެވޭ އެހެނިހެން އަނިޔާތަކާއެކު ވެސް ބަހުގެ އަނިޔާ ކުރިމަތިވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އާދައިގެ ދެބަސްވުމަކާބަހުގެ އަނިޔާއާ ދެމެދު ބޮޑު ފަރަގެއް އޮންނައިރު، ދުޅަހެޔޮ ގޮތެއްގައި ހިނގާ ދެބަސްވުމަކީ އިހުތިރާމާއެކު ފާޅުކުރެވޭ ހިޔާލު ތަފާތުވުމެކެވެ. އެފަދަ ދެބަސްވުމުގައި މީހުން ސަމާލުކަން ދޭނީ ޒާތީ ހަމަލާތަކުގެ ބަދަލުގައި ދިމާވެގެން އުޅޭ މައްސަލައަށެވެ. އަދި ދެ ފަރާތަށް ވެސް އެ މީހެއްގެ ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބި، އިހުތިރާމު އެކުލެވޭ ބަސްމަގު ބޭނުންކޮށްގެން ދެ ފަރާތް އެއްބަސްވާ ހައްލަކަށް ނުވަތަ ގޮތަކަށް ވާސިލުވެވެއެވެ. ދުޅަހެޔޮ ހިޔާލު ތަފާތުވުންތަކުގައި ބިރުދެއްކުމާ އޮޅުވާލައިގެން ކަންކަން ކުރުވުމެއް ނުހިމެނޭނެއެވެ. ހުރިހާ ފަހަރަކު ހިޔާލު ތަފާތުވުންތައް ހައްލު ނުކުރެވުނަސް، އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާ، އޭނާ ދެކޭ ގޮތް ދެނެގަތުމަށް މަސައްކަތް ކޮށްގެން ރައްކާތެރި މާހައުލެއް ގާއިމުކުރެވިދާނެއެވެ.

މިއާ ހިލާފަށް، ބަހުގެ އަނިޔާއަކީ އެއް ފަހަރަކު ހިނގައިގެންދާ ޒުވާބެއް ނޫނެވެ. އެއީ އަނެކާގެ މައްޗަށް ބާރާ ކޮންޓްރޯލް ހޯދުމަށް ގަސްތުގައި ބަސްތައް ބޭނުންކުރުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ ކެނޑިނޭޅި ފާޑުކިޔުމާ ދެރަކޮށްލުމުގެ ތެރެއިން އަނެކާގެ އަމިއްލަ ނަފްސުގެ އަގު ވައްޓާލާ ދާއިމީ އާދައެކެވެ. ބަހުގެ އަނިޔާ ދެނެގަނެވޭނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ތަކުރާރުކޮށް އަޑުގަދަކޮށް ހަޅޭއްލެވުން ނުވަތަ ރުޅިވެރި ރާގަކަށް ވާހަކަދެއްކުން ހިމެނެއެވެ. އަދި ބިނާކުރަނިވި ގޮތެއް ނެތި ގަސްތުގައި އަނެކާގެ ހިތުގައި ޖެއްސުމަށް ފާޑުކިޔުމާ، ހަޑިހުތުރު ބަހުން އެއްޗެހި ގޮވުމާއި، ހިތަށް އަސަރުކުރާ ފަދަ ނަންނަމުން ގޮވައި ދަށްކޮށްލުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، އަނެކާއަށް އިތުރު އިހުތިޔާރެއް ނެތް ގޮތަށް ކަމެއް ކުރަން މަޖުބޫރުކޮށް އަމުރުކުރުމަކީ ވެސް މިފަދަ އަނިޔާގެ ސިފައެކެވެ.

ވަކި ކަމެއް ނުކޮށްފި ނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ ބިރުދެއްކުމާ ބްލެކްމެއިލްކުރުމަކީ ވެސް ބަހުގެ އަނިޔާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމައެއާއެކު، އަމިއްލަ ސިކުނޑީގެ ހަމަޖެހުމާ މެދު ނުވަތަ ކަންކަން ދެނެގަންނަ ގޮތާ މެދު އަމިއްލަ ނަފްސަށް ޝައްކު އުފެދޭ މިންވަރަށް އޮޅުވާލުން ނުވަތަ "ގޭސްލައިޓް" ކުރުމަކީ ވެސް ފެންނަ އަލާމާތެކެވެ. އަދި އަނެކާގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސް އުފައްދައިގެން ކަންކަން ކުރުވުމަށްޓަކައި، އެ ކަމަކީ އޭނާއަށްޓަކައި ކޮށްދިން ކަމެއްކަމަށް ބުނުން ނުވަތަ ލޯބިވާ ނަމަ އެވެނި ކަމެއް ކޮށްދޭނެ ކަމަށް ބުނެ ވާހަކަދެއްކުން ހިމެނެއެވެ.

އަނެކާއަކީ ތިމާއަށް ވުރެ ދަށް ނުވަތަ ގާބިލުކަން ކުޑަ މީހެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކުމާ، ޒުވާބު އުފެދުނީ އަނެކާގެ ސަބަބުން ކަމަށް ބުނެ އޭނާގެ ބޮލުގައި ކުށް އެޅުވުން ވެސް މި ލިސްޓުގައި ހިމެނެއެވެ. މީގެ އިތުރުން، އަނެކާ ލަދުގަންނަވާލުމަށްޓަކައި އޭނާއަށް މަލާމާތްކޮށް ޖޯކުޖެހުމާ، ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި ދަށްކޮށްލުމަށް ފަހު އެއީ ހަމައެކަނި ސަމާސާއެއް ކަމަށް ނުވަތަ އަނެކާ މާ ބޮޑަށް ކަންކަމާ ހިތުގައި ޖެހެނީ ކަމަށް ބުނެ އެކަން ފޮރުވާލަން އުޅުމަކީ އާންމުކޮށް މިފަދަ މީހުން ކުރާ ކަމަކެވެ. އަދި އަނެކާ ގަޔާވާ މީހުންނަށާ ތަކެއްޗަށް ފުރައްސާރަކުރުމާ، އަޅާނުލައި ދޫކޮށްލައިގެން ވާހަކަ ނުދައްކައި ހުރުމަކީ ވެސް ބަހުގެ އަނިޔާގެ ވައްތަރުތަކެވެ.

މިފަދަ އަމަލުތަކަކީ ހަމައެކަނި ބަސްތަކެއް ކަމަށް ބަލައި ދޫކޮށްލެވެން ނެތް ސަބަބުތަކެއް އެބަހުއްޓެވެ. ބަހުގެ އަނިޔާ ތަހައްމަލުކުރަން ޖެހުމަކީ އެކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ކޮންމެ މީހަކު ކުރިމަތިލާން ޖެހޭ ހާލަތާއި ވަށައިގެންވާ ކަންކަން ތަފާތު ނަމަވެސް، ދާއިމީ ގޮތެއްގައި މިފަދަ ބަސްތަކާ ކުރިމަތިލާން ޖެހުމުން މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަހުގެ އަނިޔާގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ ތެރޭގައި ހާސްކަމާ، ނުތަނަވަސްކަން އިތުރުވުމާއި، މާޔޫސްކަމުގެ ބަލި ތަހައްމަލުކުރަން ޖެހުމާ، ފިކުރުބޮޑުވުން ހިމެނެއެވެ. އަދި އަބަދު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުމާ، އަމިއްލަ ނަފްސާ މެދު ޝައްކު އުފެދުމާ، އަމިއްލަ ނަފްސުގެ ގަދަރު ކުޑަވެ ތިމާއަކީ އެއްވެސް އަގެއް ނެތް މީހެއް ކަމަށް އިހުސާސްވުމުގެ އިތުރުން މުޖުތަމައުއިން އެކަހެރިވުން ވެސް މީގެ އަސަރުތަކުގެ ތެރޭގައި ހިމެނެއެވެ.

ހޭލުންތެރިކުރުމުގެ ގޮތުން ހަދާފައިވާ ޕޯސްޓެއް

މިފަދަ ހާލަތެއް ތަހައްމަލުކުރަމުންދާ މީހަކަށް އަލުން އެ ހާލަތުގެ ކޮންޓްރޯލް އަތުލުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ވަރަށް ގިނަ ދިރާސާތައްވަނީ ކުރެވިފައެވެ. ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ހާލަތު ކޮންޓްރޯލްކުރުމަށް ކުރެވިދާނެ އެންމެ ފުރަތަމަ ކަމަކީ އެ ހިނގާ ކަންކަމަކީ އަނިޔާއެއްކަން ގަބޫލުކޮށް، އެއީ ތިމާގެ ކުށެއް ނޫންކަން ދެނެގަތުމެވެ. ހާލަތު ތަންދޭ ނަމަ، އަނެކާގެ އެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަން ބުނެދީ، ތިމާ ތަހައްމަލުކުރާނެ ކަންކަމާ ނުކުރާނެ ކަންކަމުގެ އިން ކަނޑައެޅުމެވެ.

އެ މީހަކާއެކު ހޭދަކުރާ ވަގުތު މަދުކޮށް ދުރުހެލިވުމެވެ. އަދި އިތުބާރުކުރެވޭ ރަހުމަތްތެރިއެއް ނުވަތަ އާއިލާގެ މެންބަރަކާ ވާހަކަދެއްކުމަށާ، ކައުންސިލަރެއް ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ފަންނީ އެހީ ހޯދުމަކީވެސް މުހިއްމުކަމެކެވެ. އަބަދުވެސް އެންމެ ފުރަތަމަ އަމިއްލަ ނަފްސު އިސްކުރަންޖެހެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސު ދެކެ ލޯބިވެ އިހްތިރާމްކުރަންޖެހެއެވެ.

އަނެއްކޮޅުން، އަމިއްލަ އަމަލުތަކުން ބަހުގެ އަނިޔާގެ އަލާމާތްތައް ފެންނަ މީހުން ވެސް އެކަން ހުއްޓާލުމަށް ފިޔަވަޅު އެޅިދާނެއެވެ. އޭގެ ތެރޭގައި ތިމާއަށް އެފަދަ ބަސްމަގު ބޭނުންކުރެވޭ ވަގުތުތަކާ، އޭގެ އަސަރު ގަބޫލުކުރުމާ، ބަހުގެ އަނިޔާއާ ބެހޭ މައުލޫމާތު އޮޅުންފިލުވައި ދުޅަހެޔޮ ގޮތުގައި މުއާމަލާތްކުރާނެ އުކުޅުތައް ދަސްކުރުން ހިމެނެއެވެ. އަދި ވަގުތުކޮޅަކަށް މަޑުޖެހިލުމާ، ނޭވާ ލަސްކޮށްލުމާ، ހާލަތާ މެދު ވިސްނާ ގޮތް ބަދަލުކޮށްލުން ފަދަ ރުޅި ކޮންޓްރޯލްކުރާނެ ގޮތްތައް ދަސްކޮށްލުމަކީ ބަދަލަކަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.