މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވެން ދެން ޑެޕިއުޓީ ގަވަރުގެ މަގާމުގައި ހުންނެވި އަހްމަދު އިމާދަށް އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ، ކުރިން އެމްއެމއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހައިޝަމް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެ ކަމަށާއި އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ މިހާރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހްމަދު އިމާދަށް ކަމަށެވެ.
އަލީ ހައިޝަމް ގަވަރުނަރުކަން އަދާކުރެއްވި ދައުރުގައި އެ އޮތޯރިޓީއަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ގަވަރުނަރުގެ މަގާމު ފުރުއްވި އަލީ ހާޝިމަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އޭނާ ވަކިކުރުމަށް ރައީސަށް ލަފާ ދޭން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
އެއާއެކު ގަވަރުނަރުކަމުން ހާޝިމް ވަކިކޮށް ރައީސަށް ލަފާއެރުވުމާ ބެހޭ މައްސަލަ މާލިއްޔަތު ކޮމިޓީން ފާސްކޮށް ހުށަހެޅި ރިޕޯޓު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓުދެއްވީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
އެހެންކަމުން މިހާރު ހުސްވެފައިވާ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި މިނިސްޓަރެއްގެ ފެންވަރުގައި އައްޔަނުކޮށްފައިވާ އަހްމަދު މުނައްވަރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޖޫން 22, 2016 ގަ އެވެ. އަދި ޔާމީންގެ ވެރިކަން ނިމެންދެން އޭނާ ވަނީ އެ މަގާމު ފުރުއްވާފައެވެ.