ދުނިޔޭގެ އެއްވަނަ ސްކޫބާ ޑައިވިން އޯގަނައިޒޭޝަން ކަމަށް ވާ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަސް (ޕަޑީ) "އައުޓްސްޓޭންޑިންގް ކޮންޓްރިބިއުޝަން ޓު ފީމޭލް ޑައިވިން" އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، މި އެވޯޑު ލިބިފައި ވަނީ އަންހެން ޑައިވަރުންނަށް އިސްކަން ދިނުމުގައި އެޓްމޮސްފެއާ ކޯ އިން ހިންގާ ސެންޓީޑޯގެ އޮބްލޫ ނޭޗާ ހެލެނގެލި ރިސޯޓާއި، އެމީހުންގެ ޑައިވް ޕާޓްނާ ޓީޖީއައި މޯލްޑިވިސްއަށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ލިބުނު މިފަދަ ފުރަތަމަ ކާމިޔާބީއެވެ.

ޕަޑީ އިން ވަނީ އޮބްލޫ ނޭޗާ ހެލެނގެލި އަދި ޓީޖީއައި މޯލްޑިވްސް އިން ޑައިވިން އަށް އަންހެނުން ހޭލުންތެރިކޮށް ދުނިޔޭގެ ފެންވަރުގައި އަންހެން ޑައިވަރުންނަށް ފުރުސަތު ފަހިކުރުމަށް ދޭ އެއްބާރުލުން ފާހަގަކޮށްފައެވެ. އެގޮތުން ރިސޯޓުގައި އަންހެން ޑައިވަރުންނަށް އަމާޒުކޮށްގެން ބިގިނާސް އިން ފެށިގެން ޕްރޮފެޝަނަލް ލެވެލްއާއި، ފެންވަރުގެ ޕަޑީ ސާޓިފައިޑް ޑައިވިން ކޯސްތައް ހިންގަމުން އަންނަ ކަމަށް އެ އޯގަނައިޒޭޝަން އިން ބުނެއެވެ.

ހެލެނގެލީގެ ބީޗުގައި ބޭއްވި މި އެވޯޑު ހަފްލާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުالله ނިޔާޒް އަދި ދިވެހިރާއްޖެއާއި ސީޝެލްސްއާއި މޮރިޝަސްއަށް ކަނޑައަޅުއްވާފައިވާ ޕަޑީގެ ރީޖަނަލް މެނޭޖަރު މެޓް ވެންގާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕަޑީގެ ރީޖަނަލް މެނޭޖަރު މެޓް ވެންގާ ވިދާޅުވީ، 1966 ވަނަ އަހަރު އުފެދުނީއްސުރެ ޕަޑީގެ މައިގަނޑު އަސާސަކީ އަންހެން ޑައިވަރުން ދާއިރާއަށް ނެރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމެވެ. ޕަޑީ އަކީ ޑައިވިން ޕްރޮމޯޓް ކުރުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި އަދި އަންހެން ޑައިވަރުން އިތުރުވަމުން އަންނަކަން ވެންގާ ފާހަގަކުރެއްވިއެވެ. އަންހެން ޑައިވަރުންނަށް އެންމެ ރަނގަޅު ޑައިވް ސައިޓްތަކާއި މަންޒިލްތަކަކީ ކޮބައިކަން ދެނެގަނެ، އެންމެން އެއްކޮށް އަތުގުޅައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވެންގާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރު ނިޔާޒް ވިދާޅުވީ، މި އެވޯޑުގެ ސަބަބުން ހުރިހާ ފަތުރުވެރިންނަށް ވެސް އާދަޔާ ހިލާފު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާ ކަމަށެވެ. އޮބްލޫ ނޭޗާ ހެލެންގެލީ އާއި ޓީޖީއައި މޯލްޑިވްސްއިން އަންހެން ޑައިވަރުންނަށް ހާއްސަ ސެންޓަރެއް އުފެއްދި ކަމަށްޓަކައި އެފަރާތްތަކަށް މި ނިސްޓްރީން މަރުހަބާ ކިޔާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.