ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޗައިނާ އެގްޒިމް ބޭންކުގެ ވެރިޔާއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިސްކޮށް ހުންނަވާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޒަމީރުގެ އަރިހުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް މި ދަތުރުގައި ބައިވެރިވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން، ވޫ ފުލިން އާއި ބައްދަލު ކުރައްވާ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ މާލީ އިސްލާހީ ޕްރޮގްރާމާއި ގުޅޭ މައުލޫމާތުވެސް އެގްޒިމް ބޭންކުގެ ވެރިޔާ އާއި ހިއްސާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހަމައެހެންމެ މި ބައްދަލުވުމުގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިންގެ އިތުރުން މުސްތަގުބަލުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ދެ ފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ތިން މިނިސްޓަރުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދާ ދަތުރުގައި އިއްޔެ ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާފައެވެ. ޗައިނާގެ ސްޓޭޓް ހައުސްގައި ވަންގް ޔީއާ އެކު، ބޭއްވި މި ބައްދަލުވުމުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަގީންކަން ދެ ގައުމުން އާކޮށް ކުރިއަށް އޮތް ތަނުގައި ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންގޕިން އަށް ފޮނުއްވެވި ދެ ސިޓީފުޅެއް ވެސް ވަނީ ރައްދު ކޮށްދެއްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ އެއްބާރުލުން ދިނުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.