އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނާއި، މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން "ހޭލުންތެރި މީޑިއާ"ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފިއެވެ.

‎ޔޫތް މިނިސްޓްރީން ބުނީ، މި ޕްރޮގްރާމް ފުވައްމުލަކު ސިޓީގައި ހިންގާފައި ވަނީ މިމަހު 19 އިން 20 އަށް ކަމަށާއި ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ 28 ބައިވެރިން ކަމަށެވެ.

‎މި ތަމްރީން ޕްރޮގްރާމްގެ މަގްސަދަކީ ނޫސްވެރިކަމުގައި އުޅޭ އަދި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ފަރާތްތައް ހަބަރާއި މައުލޫމާތު ފެތުރުމަށް އަހުލުވެރި ކުރުވުން ކަމަށް އެ މިނިސްތްރީން ބުނެއެވެ. ހަމައެއާއެކު ދޮގު ހަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ހަބަރު ގެނެސްދިނުމަށް ވަނީ މައުލޫމާތު ދީފައި ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

ދެކުނުގައި ނޫސްވެރިންނަށް ހާއްސަކޮށްގެން ބޭއްވި ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިން

‎މި ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރި މައުލޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަހްލާގް، ނޫސްވެރިކަމުގެ ވައްތަރުތަކާ ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްގީގައި ނޫސްވެރިންގެ ދައުރު، ތަހްގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާނަލިޒަމް ހިމެނެއެވެ. ހަމައެއާއެކު އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުސަތުތައް އަދި ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާނަލިޒަމް ހިމެނެއެވެ.

‎މި ސެޝަންތައް ނަންގަވައި ދެއްވާފައި ވަނީ އަލީ ޝައްމާން، އަބްދުއްލަތީފު އަހުމަދު، އަހުމަދު ނާއިފު، މުހައްމަދު ނަޒީފު، ޝަމްއާން ޝާކިރު، އަމާނުالله ރަޝީދު، އަޝްރަފު އަލީ އަދި ޑރ. އިބްރާމް ސަމީރެވެ.

އެންމެ ދެކުނުގެ ދެ އަތޮޅަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގާފައިވާ އިރު، ހޭލުންތެރި މީޑިއާގެ އިތުރު ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަކީ އަމާޒެއް ކަމުގައި ޔޫތް މިނިސްޓްރީން ބުނެއެވެ.