އދ. ދަނގެތީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގޮތުގައި އަނިޔާ ލިބިފައިވަނީ 29 އަހަރުގެ އަންހެނަކަށެވެ. އެއީ އަންހެން މީހާގެ އެއްބަނޑު އެއްބަފާ ބޭބޭ އާއި އެ ބޭބެގެ އަންހެނުން ކޮށްފައިވާ އަނިޔާތަކުގެ ފޮޓޯތަކެއް ކަމަށް މީސްމީޑިއާގައި ދައުރުވެފައި ވާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާ ލިބުނު މީހާގެ ކަންފަތް ކައިރި އާއި ކޯމަތިން އަނިޔާގެ ނިޝާންތައް ފެންނަން ހުރިއެވެ. އަދި ހަށިގަނޑުގެ ބައެއް ވަނީ ނޫފައިވެސް ގަނެފައެވެ.

މި މައްސަލައާ ގުޅިގެން "ދަ ޕްރެސް" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ އދ. ދަނގެތީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް މި ހިނގާ މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

https://www.facebook.com/story.php?story_fbid=891412446352815&id=100064522038929&mibextid=WC7FNe&rdid=DzlOV1EO32q4jcGv

އެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އެ ރަށު ކައުންސިލަށް ގުޅާލުމުން ބުނީ، ރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އަންހެނުންނަށް ކުރާ ތަފާތު އަނިޔާ ތަކަކީ ރާއްޖޭގައި ވެސް އާންމުވަމުން އަންނަ ކަމަކަށްވާއިރު މިދިޔަ ޖޫން މަހު ޏ. ފުވައްމުލަކުގައި ވެސް ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.