އދ. ދަނގެތީގައި އާ އިންޖީނުގެއަކާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމަށް ސްޓެލްކޯއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ހުސައިން ތަސްމީންއެވެ.
އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް މި މަަސައްކަތް ހަވާލުކޮށްފައި ވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް 14،870،413 ރުފިޔާއަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އެ ރަށަށް އާ އިންޖީނުގެއެއް ބޭނުންވެފައިވާ ކަމަށެވެ. އާ އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށާއިމި ވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން ކައިރީގައި ހުރި ގެތަކަށާއި ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއްކަން ފާހަގަކުރައްވާ ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށެވެ.އެކަމުގެ ޝަކުވާބޮޑުކަމަށާއި އެހެން ނަމަވެސް މިއަދު މިއީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
މުއާވިޔަތު އިތުރަށް ވިދާޅުވީ މި ކަމަށް ހައްލު ހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށާއި މިކަމަށް ހައްލު ހޯދަދެއްވާކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށާއި ރައީސްއަށް ޝުކުރު ދަންނަވާ ކަމަށެވެ.