އދ. ދަނގެތީ ބިންހިއްކުމުގެ މަޝްރޫއާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ބާރު ދުވެލީގައި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ދަނގެތީ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށު ސްކޫލު ހޯލުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ވީހާވެސް ގާތުން އޮޅުންފިލުއްވުންކަމަށް ރައީސް ވިދާޅުވިއެވެ.
ދަނގެތީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަކީ ރަށުގެ ތައުލީމީ ދާއިރާއަށް މިވަގުތަށް ވަރަށް މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގަތް ގޮތަށް ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށެވެ. އަދި މި މަސައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި ދަރިވަރުންނަށާއި، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ، ރާއްޖޭގެ ސްކޫލްތައް އޭސީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ދަނގެތީ ސްކޫލުގެ ކްލާސްރޫމުތަކާއި، ހޯލުވެސް އޭސީ ކުރެވިގެންދާނެކަމަށެވެ.
ދަނގެތީ ބިން ހިއްކުމުގެ މަޝްރޫއާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އުމްރާނީ އިގްތިސާދީ ކުރިއެރުމާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. ރަށުގެ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާ ގޮތަށް ޑިޒައިންކޮށް ރޭވި ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއްވެސް ތަރައްގީކޮށް ދެއްވާނެކަމަށެވެ. ދަނގެތީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޑޮލަރު އޭޓީއެމްއެއް ދަނގެތީގައި ގާއިމުކޮށް ދެއްވާނެކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ދަނގެތީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހުރިހާ މަޝްރޫއުތަކަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫއުތަކެއްކަމަށާއި، މިކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ އަދި ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލު ހިމެނޭހެން ތަރައްގީކުރާ އައު އިމާރާތުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.