ދަނގެތި ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވައި، ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. ދަނގެއްޗަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނގެތި ކައުންސިލްގެ އިދާރާގައި މިރޭ ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫއުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ކައުންސިލުން ހުށަހެޅި ކަންކަމުގެ ތެރޭގައި އެރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާ ކަމާއި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދިނުމަށް ވަނީ އެދިފައެވެ.
ހަމައެއާއެކު އެ ރަށު ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާ ކަމަށާއި ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ޑޮލަރު އޭޓީއެމް އެއް ރަށަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
ހަމައެއާއެކު މި ބައްދަލުވުމުގައި ދަނގެތީގައި ކަލްޗަރަލް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި ކައުންސިލުން ފާހަގަކުރި ކަންކަން ކުރިއަށްގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ޑޮލަރު އޭޓީއެމްގެ ކަންކަން ބައްލަވައި، ދެންވެސް ކައުންސިލުން ފާހަގަކުރި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.