ބޭރު ގައުމުތަކުގައި ކުރާ ކައިވަނި އާއިލާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ލަހުން ރަޖިސްޓްރީ ކުރާނަމަ ޖޫރިމަނާ ކުރަން ފެމިލީ ކޯޓުން ނިންމައިފި އެވެ.

އާއިލާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ނަމަ ރާއްޖޭގެ ރަސްމީ އޮފީހެއް ހުރި ގައުމެއް ނަމަ މަދުވެގެން 2 މަސް ދުވަސް ތެރޭގައި ރާއްޖޭގައި ކައިވެނި ރަޖިސްޓްރީކުރަން ޖެހެ އެވެ. އެފަދަ އޮފީހެއް ނެތް ގައުމެއްނަމަ މަދުވެގެން 6 މަސް ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެ އެވެ.

ފެމިލީ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ 1000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުން ކަމަށެވެ.

ރާއްޖޭން ބޭރުގައި ދިވެއްސަކު ކުރާ ކައިވެންޏެއް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާ އެކު ކޯޓަށް ހުށަހަޅައިފިނަމަ ރަސްމީ 3 ދުވަހާއި 7 ދުވަހުގެ ތެރޭގައި އެ ކައިވެންޏެއް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ބޭރު ގައުމުތަކުގައު ކައިވެނިކޮށް ރާއްޖޭގައި އެ ކައިވެނި ރަޖިސްޓްރީ ނުކޮށް އުޅޭ މައްސަލައަކީ މިހާރަކަށް އައިސް ރާއްޖޭގައި ފާހަގަކޮށްލެވޭ މައްސަލައެކެވެ.

އާންމު ގޮތެއްގައި ރާއްޖެއިން ބޭރުގައި ކާވެނިކުރުމަށް ބޭނުންވާ މައިގަނޑު ސަބަބަކީ ވަލީ ދޭން ދެކޮޅުހެދުމާއި، ސިއްރުން ކައިވެނި ކުރުމާއި އަދި ދެއަންބަށް ކާވެނި ކުރުމެވެ. ރާއްޖެއިން ބޭރުގައި ކައިވެނި ކުރި ނަމަވެސް ރާއްޖޭގައި އެ ކައިވެނި ރަޖިސްޓްރީ ކުރަން ޖެހެއެވެ.