ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ބޮޑެތި މައްސަލަތައް ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް، އާދަމް ޝާމިލް ވިދާޅުވީ ފެނަކައިގެ މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއްދީގެ ބަލަމުންދާ މައްސަލަތަކެއް ކަަމަށެވެ.

އެގޮތުން 2019 ވަނަ އަަހަރުން ފެށިގެން ތަކުރާރުކޮށް ފެނަކަ އާއި ގުޅޭ މައްސަލަތައް ހުށަހަޅަމުންދާކަން ފާހަގަ ކުރައްވާ ޝާމިލް ވިދާޅުވީ، ފެނަކައިގެ ކުރީގެ ވެރިންނާ ގުޅޭ ގޮތުން ހުށަހެޅުނު ބައެއް މައްސަލަތަަށް ވަރަށް ބާރު ސްޕީޑްގައި ބަލަމުންދާ ކަމަށެވެ.

ފެނަކައިގެ އޭރުގެ ވެރިންގެ 6 މައްސަލައެއް ތުހުމަތުތަކާއެކު ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފެނަކައަށް ފައިދާވާން އޮއްވާ އެހެން ގޮތަކަށް ކަންކޮށް ކޮށްފައި ހުރި މައްސަލަތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"15މިލިއަން ރުފިޔާ އަށް ހެދޭ އިންޖީނުގެ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އިންހައުސް މުވައްޒަފުން ނަގައިގެން ކުރީމަ 38 މިލިއަނަށް އެބަހުރި އަގު ބޮޑުވެފައި. އަގު ބޮޑުވާ ސަބަބަކީ މުވައްޒަފުންގެ މުސާރަ އަށް،" އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް ވިދާޅުވިއެވެ.

މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު ލިބުމަށް ދަތިވާކަން ފާހަގަ ޝާމިލް ވިދާޅުވީ މިދިޔަ އޭޕްރީލް މަހު ފޮނުވާފައިވާ އޮތް ކަމެއް, މިއަދާ ހަމައަށް ވެސް ނުލިބި އެބައޮތް ކަމަށެވެ. އޭސީސީއަށް ބޭނުންވާ މައުލޫމާތު އަވަހަށް ލިބޭނަމަ މައްސަލަތައް ވެސް އަވަސްވާނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފެނަކަ އާއި ގުޅޭ ގޮތުން ފާހަގަ ކުރެވުނު ކަންކަން ޕީސީބީ އާއި ދައުލަތުގެ އެހެން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށްވެސް ޝާމިން ވަނީ ވިދާޅުވެފައެވެ.