މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ފަށަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނެކަން އަންގައިފިއެވެ.

އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ، ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ އޮފީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށާއި، އެހެންވެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ކޮމިޓީ އަށް އޭނާ އަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށެވެ.

މިއަދު ހެނދުނު 11 ޖަހާއިރަށް ތާވަލުކޮށްފައިވާ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ހާޝިމާ ބައްދަލުކޮށް، ސުވާލުކުރުމެވެ. އެކަމަކު އޭނާ އަށް ވަޑައިނުގެންނެވޭނެ ކަން އެމްއެމްއޭއިން އެންގުމުން، އެކަމަށްޓަކައި ތާވަލުކުރި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. މައްސަލަ ހުށަހަޅުއްވައި އޭނާ ވިދާޅުވީ، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އެކަށޭނަ ގޮތެއްގައި ހިންގަމުންދާތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، މި ސަރުކާރު އައި ފަހުން ގަވަރުނަރު ސަރުކާރަށް މާލީ ކަންކަމާ ގުޅޭ އެއްވެސް ލަފައެއް ނުދެއްވާ ކަމަށެވެ.

ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ކޮމިޓީން ނިންމީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.