މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަލު އަލީ ހާޝިމް އެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން، މިއަދު ބާއްވާ ރައްުޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ތާވަލުކޮށްފިއެވެ.

މިއަދުގެ ހެނދުނު 11:00 އަށް ތާވަލުކޮށްފައިވާ މި ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކޮށް، ސުވާލު ކުރުމެވެ.

ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ނާޒިމު ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށެވެ.

އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެކެވެ. މިކަމާ މެދު އެންމެ ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.