މި ސަރުކާރުން މިހާތަނަށް 2013 ބިދޭސިއަކު ޑީޕޯޓް ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ސީރިއަށް ކްރައިމްތަކުގައި ޝަމިލްވާ އެތައް ބަޔަކު ހިމެނޭ ކަމަށް އިމްިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ހާމަ ކުރައްވަމުން ޝަމްއާން ވިދާޅުވީ، މިހާރު ހިންގަމުން އަންނަ އޮޕަރޭޝަން ހާއްސަކޮށްފައި ވަނީ ރާއްޖޭގައި އަމިއްލައަށް ދިވެއްސަކާ ނުގުޅި ވިޔަފާރި ކުރާ ބިދޭސީންނާއި އެ ވިޔަފާރީގައި މަސައްކަތް ކުރާ ފަރާތްތައް ހޯދުމަަށް ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ސީރިއަސް ކްރައިމްތަކަށް އަރައިގަންނަ ފަރާތްތައް ވެސް ފާހަގަވެފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް 2013 ބިދޭސީއެއް ވަނީ ޑީޕޯޓް ކޮށްފައި ކަމަށާއި މިހާރު ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން 120 ފަރާތެއް ވަނީ އިމްިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި އެ 120 ބިދޭސީން ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް، އމީހުން ޑީޕޯޓް ކުރުމަށް ހިންގޭ އޮޕަރޭޝަންގެ އިތުރު ތަފްސީލް މި ހަފްތާގައި އިމިގްރޭޝަން އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރައްވާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މި ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ މެދު ފިޔަވަޅު ނާޅާއިި ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު ނިމުމަކަށް ގެނެސް އެފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ނޭޝަނަލް ޓާސްކް ފޯހެއް ވަނީ އެކުލަވާފާއެވެ.
ގަވާއިދާ ހިލާފަށް އުލޭ ބިދޭސީންގެ މައްސަލަތަކާއި، އަދި ކުށްކުރާ ބިދޭސީންގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަކީ ރާއްޖޭގައި މި ވަގުތު އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ އެއް އިޖްތިމާއީ މައްސަލައެވެ. ގަވައިދާ ހިލާފަށް އެތައް ބިދޭސީންތަކެއް އުޅެމުން އަންނަ އިރު، އެމީހުން ދިރިއުޅެމުން އަންނަނީ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ކަމުން ސާފުތާހިރުކަމާއި ސިއްހީ ގޮތުން ރައްކާތެރިކަމެއް ނެތް ހާލުގައި އުޅޭ މި މީހުންނަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ.
އެ ގޮތުން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ އެތައް ބިދޭސީންތަކެއް ރީރެޖިސްޓްރޭޝަން ޕްރޯގްރާމެއްގެ ދަށުން ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާ އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި އެތައް ބިދޭސީންތަކެއް ފޮނުވާލުމުގެ މަސައްކަތް ވެސް އޭރު އެ ސަރުކާރުން ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް އެ ސަރުކާރުން ހާމައެއް ނުކުރެއެވެ.