ރާއްޖެއިން ފަލަސްތީނަށް 1.29 މިލިއަން އެމެރިކާ ޑޮލަރު (19.9 މިލިއަން ރުފިޔާ)ގެ އެހީ ހަދިޔާކުރަން ނިންމާފައިވާކަން އިއްޔެ ހާމަކޮށްފިއެވެ.

އދ ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި 'އަންރުވާ ޕްލެޖިން ކޮންފަރެންސް'ގައި ރާއްޖެއިން ދިން ބަޔާނުގައި މިކަން ހާމަކުރެއްވީ ރާއްޖޭގެ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ނަސީރުގެ ބަޔާނުގައި އިތުރަށް ހާމަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖެއިން އަންރުވާ އަށް ދޭ އެހީ 5،000 ޑޮލަރުން 50 ހާސް ޑޮލަރަށް އިތުރުކޮށްފައިވާކަން
  • ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ބޭއްވި ޓެލެތޯނަށް 18.4 މިލިއަން ރުފިޔާ އާއި 49.8 ހާސް އެމެރިކާ ޑޮލަރު ލިބިފައިވާކަން

ރޭގެ ކޮންފަރެންސްގައި ނަސީރު ވަނީ، އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަންރުވާއިން އެހީތެރިކަން ދެމުންދާކަން ފާހަގަކުރައްވައި، އެ ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މާލީގޮތުންނާއި ސިޔާސީގޮތުން އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފައެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޒަމާންވީ އުދުވާން ވަރުގަދަކޮށް، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 38 ހާހަށް ވުރެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. އިޒްރޭލުން ދޭ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.