ޑައިވިން އަށް ގޮސް އުޅުނު ތައިލެންޑު އަންހެނަކު ނިޔާވެއްޖެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހުޅުމާލެ މޫދުގައި ޑައިވިން އަށް ގޮސް އުޅުނު ތައިލެންޑުގެ އުމުރުން 55 އަހަރުގެ ބިދޭސީ އަންހެނަކު ގެނބިގެން މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ދާދި ފަހުން މާލެ އަތޮޅު ފިހާޅޮހި ރިސޯޓުގައި ގެނބިގެންވެސް މީހަކު ވަނީ މަރުވެފައެވެ. ފުލުހުން ބުނީ ކާފު އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ފޭބި 67 އަހަރުގެ ފަތުރުވެރިޔަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭޑީކޭއަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.
މި ދުވަސް ވަރު ރާއްޖެއަށްވެސް މޫސުން ގޯސްވެ، ދަނީ ވިއްސާރަކުރަމުންނެވެ. އެހެންކަމުން މޫދަށް ނޭރުމަށާއި މޫދަށް އެރޭއިރު ހާއްސަ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.