ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިންއަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ގެއްލުމާ ގުޅިގެން ހިންގި ސާޗް އޮޕަރޭޝަނަކީ ގިނަ ބަޔަކު ސިއްސުވާލި ނުރައްކާތެރި ހާދިސާއެކެވެ. މި އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހަބަރަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. މި ހިތްދަތި ހާދިސާގެ ސަބަބުން އޭނާގެ އާއިލާއަށާއި ގާތް އެކުވެރިންނަށް ލިބުނު ފުން އަސަރާއި ކެކުޅުން ބަޔާންކުރަން ދައްޗެވެ.

އާއިލާއިން މަހުދީ ސިފަކުރަނީ އެންމެނާ ގުޅޭ، ހިތްހެޔޮ އަދި އޯގާތެރި އިންސާނެއްގެ ގޮތުގައެވެ. އަބަދުވެސް ހިނިތުންވުމުގެ މޫނަކައެކު މީހުންނާ ބައްދަލުކުރާ މަހުދީއަކީ ރުޅިގަދަވެ، ހިތްނުތަނަވަސްކަން ދައްކާ އުޅުނު މީހެއް ނޫނެވެ. ސަކަ މިޒާޖެއްގެވެރި މަހުދީއަކީ ސްކޫލް ދައުރުން ފެށިގެންވެސް ކުޅިވަރަށް ލޯބި ކުރާ މިހެއްވެސް މެއެވެ. ކަނޑުގެ ސަރަހައްދު ބޮޑު މި ގައުމުގައި އުޅެ ބޮޑުވި މަހުދީއަކީ ކަނޑުގެ ދިރުމަށް ލޯބިކުރާ ފުރާވަރުގެ އުމުރުން ފެށިގެން ވެސް މޫދަށް ގޮސް އުޅުނު ފީނަން ދަންނަ މީހެއް ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ.

މަހުދީގެ ހަނދާންތައް އާކުރަމުން އައިލާއިން ބުނީ އޭނާގެ ތަބީއަތުގައި ހުންނަ އެންމެ ހާއްސަ ސިފައަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރަން ބޭނުން ވުމެވެ. ކޮންމެ ކަމަކާ ވެސް ކެރިގެން ކުރިމަތިލުމުގެ ރޫހެއް ހުންނަ މަހުދީގެ އަޒުމަކީ ކާމިޔާބީގެ އައްސޭރި ކަމަށާއި ހިތްވަރާއި މިންނަތުން އޭނާ ވަނީ އެތައް ކާމިޔަބީއެއް ހާސިލްކޮށްފައި ކަމަށް އާއިލާއިން ބުނެއެވެ. އަދި އެހެން މީހުންނަށް އެހީތެރިވުމުގައި އޭނާއަކީ ނަމޫނާ މިސާލެކެވެ.

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ

ފަތުރުވެރިން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނަށް ފުރުމުގެ ކުރިން، އޭނާ ދަނީ "ނުރައްކާތެރި ޑައިވް" އަކަށް ކަމަށް އާއިލާގާތު ބުނެފައި ވެއެވެ. ނަމަވެސް ނުރައްކާތެރި ޑައިވްއަކަށް ދާން އުޅޭ ވާހަކައަކީ އެންމެ ފަހުން ކުރެވޭނެ މުއާމަލާތް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެއަށްފަހު މަހުދީ ނިޔާވި ހަބަރު ވެގެންދިޔައީ އާއިލާއަށް ގަބޫލުކުރަން ދަތިވި، ކުއްލި ސިހުމަކަށެވެ. 6 ދަރިން ތިބި އާއިލާއެއްގެ އެންމެ ދޮށީ ފިރިހެން ދަރިއަށް މަހުދީ ވީއިރު އޭނާއަކީ ދެ ފިރިހެން ކުދިންގެ ބައްޕައެކެވެ. މަހުދީ ވަކިވެދިއުމުން މުޅި އާއިލާއަށް ވަނީ ފުން ފަޅުކަމެއް ވެރިވެފައެވެ.

މަހުދީ ނިޔާވުމާ ގުޅިގެން ބައެއް ފަރާތްތަކުން އެ އޮޕަރޭޝަން ހިންގި ގޮތާމެދު ސުވާލު އުފެއްދިއެވެ. ތަޖުރިބާ މަދު ޑައިވަރުންނާ އެކު ނުރައްކާތެރި ޑައިވްއެއް ކުރުމުގެ ސަބަބުން ދިވެހި ދަރިއަކު ވަކިވެގެން ދިއުމުގެ އިހުމާލު ނަގަން ޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ. ނަމަވެސް، މަހުދީއަކީ ޑައިވިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ސިފައިންގެ ހިދުމަތުގައި 21 އަހަރު ހޭދަކޮށްފައިވާ މަހުދީއަކީ 70 މީޓަރު އަޑިއަށް ފީނުމުގެ ގާބިލުކަން ހުރި، ބައިނަލްއަގުވާމީ ފެންވަރުގެ "ޕެޑީ ކޯސް ޑައިރެކްޓާ" އެކެވެ. މިއީ ޑައިވިން އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ އެންމެ މަތީ ދަރަޖައެވެ.

ނިޔާވި ސިފައިންގެ މީހާ

މީގެ އިތުރުން އޭނާއަކީ ރާއްޖޭން ބޭރުން ކޮމާޝަލް ޑައިވިންގެ ތަމްރީނު ހާސިލްކޮށް، ކަނޑުއަޑީގެ ބައެއް އިންޖީނިއަރިން މަސައްކަތްތަކުގައި ލަފާ ދިނުމުގައި ހަރަކާތްތެރިވެފައިވާ ފަރާތެއް ވެސް މެއެވެ. އެހެންކަމުން އޭނާއަކީ ތަޖުރިބާ ނެތް މީހެއް ކަމުގައި ދެކެވޭ ވާހަތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެކެވެ. މީގެ ކުރިންވެސް އެކި ސާޗް އޮޕަރޭޝަނތަކުގައި ވެސް މަހުދީ ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. މަސައްކަތުގެ ރިވެތި އަހުލާގާއި ސުލޫކީ މިންގަނޑުތައް ހިފަހައްޓާ، ސަލާމަތީ ކަންކަމަށް އިންތިހާއަށް އިސްކަންދޭ މަހުދީ ވަނީ އެތައް ދިވެހިންނެއް ޕްރޮފެޝަނަލް ޑައިވަރުންގެ ގޮތުގައި ތަމްރީނު ކޮށްދީފައިވެސް މެއެވެ.

އޭނާ ނިޔާވުމަކީ ރާއްޖޭގެ ޑައިވިން ސިނާއަތަށް ލިބުނު އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެކެވެ. ގައުމީ ވާޖިބު އަދާކުރުމުގައި ފުރާނަ ގުރުބާންކުރި މަހުދީގެ ހަނދާންތަކަކީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފުހެވިގެންދާނެ ހަނދާންތަކެއް ނޫނެވެ.