ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިންއަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ގެއްލުމާ ގުޅިގެން ހިންގި ސާޗް އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސާޖަންޓް މޭޖާ މުހައްމަދު މަހުދީ ނިޔާވި ހާދިސާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހުދީގެ މަރުގެ މައްސަލަ ރަސްމީކޮށް ތަހުގީގު ކުރަން ފަށާފައިވާ އިރު، އޭނާ ބޭނުންކުރި ޑައިވިންގް ގިއަރާއި، އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތުގެ ލޮގްތަކާއި، އަދި ސަފާރީގެ ކަމާބެހޭ ފަރާތްތަކުގެ ބަޔާންތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށެވެ.
ސާޖަންޓް މޭޖާ މަހުދީއަކީ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އަދި ގިނަ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ މޮޅު ޑައިވަރެކެވެ.
ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. މި ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުންދަނިކޮށް، ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ.
ފުރަތަމަ ހަށިގަނޑު ފެނުމާއެކު ބާކީ 4 ފަތުރުވެރިން ހޯދުމަށް ފެށި ހާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، މި މަހުގެ 18 ވަނަ ދުަވހު މި މަސައްކަތް އަލުން ފެށީ، އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާ އެކުގައެވެ.
އެގޮތުން 4 ފަތުރުވެރިން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އެ ދުވަހު 4 މީހުންގެ ހަށިގަނޑުވެސް ވަނީ ލޮކޭޓްކުރެވިފައެެވެ. މި 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައި ވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު، އަނެއް ދެ މީހުންގެ ހަށިގަނޑު މިއަދު ވަނީ ނަގާފައެވެ.
