ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ 5 ޑައިވަރުން މަރުވި ހާދިސާގައި، އެންމެ ފުރަތަމަ ފެނުނު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު އިޓަލީއަށް އިއްޔެ ފޮނުވާލައިފިއެވެ.

5 ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. ޑައިވިނަށް ފޭބި 5 ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، ބެނެޑެޓީގެ ހަށިގަނޑު ހަމަ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ.

ރާއްޖޭގައި ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި 7 އަހަރު މަސައްކަތް ކޮށްފައިވާ އުމުރުން ދުވަސްވީ ބެނެޑެޓީގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނީ ޓާކިޝް އެއާލައިންސްގެ ފްލައިޓެއްގައެވެ. މި ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ދޯހާ މަގުން އިޓަލީގެ މިލާނަށެވެ.

މި ހާދިސާއާއި ގުޅިގެން އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުން މި ހާދިސާގެ ތަހުގީގެއް އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ ފަށާފައެވެ. މިއީ ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު އިތުރުން އެގައުމުން "އިހުމާލުން މީހަކު މަރުވިތޯ ބެލުމަށް" ހިންގާ ތަހުގީގެއް ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިހާދިސާއާއި ގުޅިގެން ޑައިވަރުން އުޅުނު ސަފާރީ ކަމަށްވާ "ޑިއުކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ވެސް ވަނީ ހިފަހައްޓާފައެވެ.

ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާގައި މަރުވެފައި ވަނީ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ.