ކައިވެނީގެ ނަމުގައި މީގެ ފަސް ވަރަކަށް އަހަރުކުރިން، މިހާރު އުމުރުން 18 އަހަރު ފުރިފައިވާ ކުއްޖެއް ރޭޕްކުރިކަން ސާބިތުވެ، އިސްމާއީލް ހައްމާދު 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އޭރު އުމުރުން 12 އަހަރުގެ ކުއްޖަކާ 'ކައިވެނިކޮށްގެން' އުޅޭ މައްސަލައިގައި މިހާރު އުމުރުން ގާތްގަނޑަކަށް 30 އަހަރު ފުރިފައިވާ ހައްމާދު، ކޯޓުން ބޭރުން ކައިވެނީގެ ނަމުގައި ގުޅި، ޖިންސީ އަމަލު ހިންގުމަށް ފަހު އުމުރުން 13 ކުއްޖާ ވިހެއިކަން ފެންމަތިވީ އެ މައްސަލައިގައި އޭނާ އަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހްގީގުކުރަމުން ދަނިކޮށް ޑިސެމްބަރު 2019 ގައެވެ.

އެ ހަމަލާގެ ސަބަބުން ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާދީ ހޮސްޕިޓަލުން އޭނާ ދޫކޮށްލުމާ އެކު ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ވަނީ ހައްމާދުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން، ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްދުގައި އަތްލައިފިނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. އެހެންވެ ހައްމާދުގެ މައްޗަށް އިއްވީ 14 އަހަރުގެ ހުކުމެކެވެ.

ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު، ކޯޓުން ހުކުމްކުރީ 9 އަހަރާއި ހަތަރު މަހާއި 15 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.

މި މައްސަލައިގައި އޭރު އުމުރުން 12 އަހަރުގެ އެ ކުއްޖާ އާއި އޭނާ ވިހެއި ކުއްޖާ އާއި އާއިލާގެ ދެން ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ކުއްޖާގެ މައިންބަފައިން ވަނީ ހައްޔަރުކޮށްފައެވެ.