މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްކަންވެސް ކުރަމުން ގެންދާ ގިޔާސް މި މަގާމަށް އައްޔަންކޮށްފައިވާއިރު، މި ސަރުކާރުގައި އެމްއެމްޕީއާރުސީއަށް ފުރަތަމަ އައްޔަންކުރެއްވި ޗެއާޕާސަންއަކީ އައިޝާ ނޫރައިން ޖަނާހުއެވެ. އެހެންނަމަވެސް މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ނޫރައިން އެ މަގާމުން ވަނީ އިސްތިއުފާ ދީފައެވެ.

އަބްދުﷲ ގިޔާސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޓޫރިޒަމް މާކެޓް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މަޓާޓޯގެ އެކި މަގާމުތައް ވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި މިހާރުވެސް އިސްކޮށް ހަރަކާތްތަތެރިވަމުން އަންނަ އަބްދުﷲ ގައިސް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެހެން ލެވަލްއަކަށް ގެންދިއުން ކަމަށާއި އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.