އަމިއްލަ ދަރިފުޅަށާއި އާއިލާގެ މީހަކަށް ނާޖާއިޒު ގޮތުގައި މަގާމެއް ހޯއްދަވައި ނުދެއްވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ އޭނާގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ތިންވަނަ ސެކްރެޓަރީގެ މަގާމު ދީފައިވާ ކަމަށް ދެކެވޭ ވާހަކަ އާއި، އެއްބަނޑު އެއްބަފާ ކޮއްކޮ އަހްމަދު ޝިފާޒަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާތީ ޝަހީމަށް ކުރެވޭ ތުހުމަތުތަކަށް ދެއްވި ރައްދެއްގައެވެ.

ސޯޝަލް މީޑިއާގައި ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ދަަރިއަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ގައުމަށް ހިދުމަތްކުރަން ލިބޭ ފުރުސަތަކީ ނާޖާއިޒު ގޮތުގައި ހޯދައިދޭނެ ފުރުސަތެއްނޫން ކަމަށެވެ.

"ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފޭސްބުކާއި އެކްސްގައި ޝަހީމް ލިޔުއްވާފައިވެއެވެ.