ވިލިމާލެގައި ހުންނަ ޒަމާންވީ މިސްކިތް މަސްޖިދުއްސަލާމް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ، މި މިސްކިތް ބިނާ ކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފަިއވާ ކަމަށެވެ. އެހެންކަމުން 2 އަހަރު ތެރޭ މި މިސްކިތް އަޅައި ނިންމާ ގޮތައް އެފަރާތާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
މި މިސްކިތް ބިނާކުރެވިގެން ދާނީ ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ވިލިމާލޭގައި ދިރިއުޅެމުން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، ވިލިމާލޭގައި ޒަމާންވީ މިސްކިތް މަސްޖިދުއްސަލާމްގެ ޖާގަ ކުޑަ ވާހަކައަކީ ވިލިމާލެ ރައްޔިތުންގެ ޝަކުވާއެކެވެ. ރޯދަ މަހު މިސްކިތް ފުރި މިސްކިތުގެ ޖާގަ ވަރަށް ބޮޑަށް ދަތިވާ ކަމަށް އާންމުން ބުނެއެވެ. އަދި ޒަމާންވެ ބާ ވަމުން އަންނަ އެ މިސްކިތް އާ ކުރުމަށާއި ޖާގަ ބޮޑުކުރުމަކީ ގިނަ ބަޔަކު އެދޭ ކަމެކެވެ.