ރާއްޖޭގެ މަޝްހޫރު ދިނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދު މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ނަމާދަށް ފަހު، ޣައިބަށްކުރެވޭ ކަށު ނަމާދު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ބާއްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝެއިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މެލޭޝިއާއަށް ވަޑައިގަތްތަނާ އިއްޔެގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ ޝެއިހް ފަރީދުގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމާއި ގުޅިގެން ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބާއްވަން އާއިލާއިން ވަނީ ނިންމާފައެވެ.
ޝެއިހް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީ، ޝެއިހްގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަން ހާމަކުރައްވާފައެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝެއިހްގެ ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ. އަދި ޖަނާޒާގެ ކަންތައްތައް ކުރިއަށް ދާނެ ގޮތް އިއުލާންކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝެއިހް ފަރީދަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވައި އާންމުންގެ ދީނީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ދީނީ އިލްމުވެރިއެކެވެ.