ހުޅަނގުން ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށް ދޭން ފެށުމާއެކު ރަޝިއާގެ ހަމަލާތައް ވަރުގަދަ ކޮށް ދެމުން ގެންދާ ހަމަލާތަކުގައި އިއްޔެ ފޮނުވާލި މިސައިލުން 41 މީހަކު މަރުވެއްޖެއެވެ.
ޔޫކްރައިންގެ ވެރިރަށް ކީވް ގެ މެދުތެރޭގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލެއްގެ އިމާރާތަށް ވެސް ގެއްލުން ވި މި ހަމަލާ އަމާޒުވި ސަރަހައްދުން 41 މަރުވެ 166 މީހަކު ޒަހަމްވެފައި ވާ އިރު މިއީ ހަނގުރާމަ ފެށިފަހުން އެއް ދުވަހަކާ އެންމެ ގިނަ ބަޔަކު މަރުވެ އަދި ޒަހަމްވި ވަރުގަދަ ހަމަލާ އަމާޒުވި ފުރަތަމަ ފަހަރެވެ.
ރަޝިއާ އިން ބުނީ, އެމީހުންގެ ހަމަލާތަކުގައި ހޮސްޕިޓަލްތަކާއި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ނުދޭ ކަމަށާއި ހޮސްޕިޓަލަށް ގެއްލުން ވެފައި އެވަނީ ރަޝިއާގެ ހަމަލާ ނާކާމިޔާބު ކޮށްލަން ޔޫކްރައިން އިން ފޮނުވާލި މިސައިލެއްގެ ބައިތައް ކަމަށެވެ. ނަމަވެސް ޔޫކްރައިން އިން ބުނެފައި ވަނީ ހޮސްޕިޓަލަށް ވެއްޓުނީ ރަޝިއާއިން ފިނުވާލި ކްރޫޒް މިސައިލްގެ ބައެއް ކަމަށެވެ.
މި ހަމަލާ އާ ގުޅިގެން ޔޫކްރައިން ގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަކީ 'ނުލަފާ ކުށްވެރިއެއް' ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވާފައެވެ.
ރަޝިއާގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ޔޫކްރައިން އަށް ދޭ އެހީތެރިކަން ފުޅާ ކުރުމާއެކު ވަރުގަދަ ކުރުމުގެ ކުއްލި މަޝްވަރާތަކަކަށް ނޭޓޯގެ ވެރިން މިއަދު އެމެރިކާގެ ވޮޝިންޓަނަށް ޖަމާވާގޮތަށް މިހާރު ވަނީ ނިންމާފައެވެ.
ޔޫކްރައިން ހަނގުރާމައިގައި ޔޫކްރައިން ދަމަހައްޓަނީ ނޭޓޯ އާއި އެމެރިކާގެ އެހީތެރިކަމާއެކު ކަމަށް ވާ އިރު މިހާރު މި ހަނގުރާމަ އަކީ އެއްކޮޅުގައި ރަޝިއާ, އަނެއް ކޮޅުގައި އެމެރިކާ އާއި ނޭޓޯ އޮވެގެން ކުރިއަށް ދާ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި ރަޝިއާ އަށް އެހީތެރިން ދޭ އެއް ގައުމަކީ އުތުރު ކޮރެއާއެވެ.
ޒެލެންސްކީ ވިދާޅުވީ އިއްޔެ ރަޝިއާއިން ދިން މިސައިލް ހަމަލާތަކުގައި 40 މިސައިލެއް ބޭނުން ކުރި ކަމަށާއި ކީވް, ޑިނިޕްރޯ, ކްރިވްޔީ ރީ, ސްލޮވިއާންސްކް އާއި ކްރަމަޓޯސްކް ސަރަހައްދުން 100 އަށް ވުރެ ގިނަ އިމާރާތަށް ގެއްލުން ވެފައި ވާ ކަމަށެވެ.
ރަނގަޅަށް ބަލާފަ އާޓިކަލް ލިޔެބަލަ. ހޮސްޕިޓަލް އަށް ހަމަލާދިނީ ޒެލެންސްކީ އަމިއްލައަށް އެމެރިކާގެ މިސައިލް ބޭނުންކޮށްގެން