ވެރިކަމަށް ވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ޔޫކްރައިން ހަނގުރާމަ ހުއްޓުވާނެކަމަށް ވިދާޅުވާ ޓްރަމްޕާއެކު ހަނގުރާމަ ނިންމާ ދާއިމީ ސުލްހައެއް ބޭނުންވެ ވަޑައިގަންނަވާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އާ ރައީސް ޓްރަމްޕަށް މަރުހާބާ ވިދާޅުވަމުން ޕުޓިން ވިދާޅުވީ، ޔޫކްރައިންގެ މައްސަލައިގައި އެމެރިކާގެ އާ ސަރުކާރާ މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް ވަގުތީ ސުލްހައެއް ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.

ޔޫކްރައިންގެ ހަނގުރާމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ޓްރަމްޕްގެ ސަރުކާރުން އަމާޒު ހިފާފައި ވާ އިރު، މަޝްވަރާ ކުރައްވަން ޕުޓިން އެދިވަޑައިގަންނަވާ ކަމަށް ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕްވެސް ވިދާޅުވެފައި ވެއެވެ.

ކެމްޕެއިންގެ ތެރޭގައި ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސް ދައްކަވާފައި ވާ ވާހަކަތަކަށް ބަލާއިރު، އެމެރިކާއިން ބުރަވަނީ ރަޝިއާއިން ހިފި ޔޫކްރައިންގެ ސަރަހައްދުތައް އެއީ ރަޝިއާގެ ތަންތަނުގެ ގޮތުގައި ކަނޑައަޅާ، އެކަށޭނަ ބަދަލެއް ދީ ޔޫކްރައިން އެއްބަސް ކުރުވުމަށެވެ.

ޓްރަމްޕްގެ ފަރާތްޕުޅުން ޔޫކްރައިންގެ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި މަންދޫބު ރިޓަޔާޑް ޖެނެރަލް ކެއިތް ކެލޮގް ވިދާޅުވީ، އާ ސަރުކާރުގެ ވިސްނުމަކީ 100 ދުވަސް ނުވަތަ އަންނަ އޭޕްރީލް އާ ހަމައަށް ގޮތްތަކެއް ކަނޑައަޅާ ހަނގުރާމަ ހުއްޓުވާލުން ކަމަށެވެ.

100 ދުވަހަކީ ޓްރަމްޕްގެ ސަރުކާރުން ކަނޑައެޅި އާ ލަނޑުދަނޑި ނަމަވެސް 2023 ގެ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ. ޓްރަމްޕް އެ ވާހަކަ ބަދަލުކުރެއްވީ، ވެރިކަމަށް ހޮވިވަޑައިގަތުމަށް ފަހު އޭނާގެ އަމިއްލަ ގަނޑުވަރު 'މާރް އެ ލާގޯ' ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވިދާޅުވީ، 'މުއާމަލާތު ކުރުމަކީ އުނދަގޫ ކަމެއް' ކަމަށެވެ.

ޔޫކްރައިން ހަނގުރާމައަށް އަންނަ މަހު 3 އަހަރު ފުރޭ އިރު، ރަޝިއާއިން ވަނީ ޔޫކްރައިންގެ ސަރަހައްދުގެ 0.69 ޕަސެންޓް ހިފާފައެވެ. ޔޫކްރައިން އިން ބުނާގޮތުން އެ ހަނގުރާމައިގައި ރަޝިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބި 430،000 އެއްހާ ސިފައިން މަރުވެފައި ވެއެވެ.