ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ކުރިއަށް ދާނެކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނެފިއެވެ،
އެ ކޯޕަރޭޝަނުން ބުނީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ކުރިއަށް ގެންދާ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާ ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުންކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މި މުބާރާތް މިރޭ ފަށާއިރު، މުބާރާތުގައި ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ދުވަހު ކޮންމެ ރެއަކުވެސް ހުށަހަޅާނެކަަމަށް ބީސީސީއިން ވަނީ ބުނެފައެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް ވަކި ވައްތަރެއްގެ ލަވަތައް ހުށަހަޅާ ގޮތަށެވެ. އެގޮތުން މިރޭ މުބާރާތް ފަށާނީ ކާށިމަޖާ ލަވަތަކުންނެވެ. އަދި މާދަމާ ރޭ ބަބުރު ލަވައަށް ވަނީ ހާއްސަކޮށްފައެވެ. މި މުބާރާތުގެ ފަހު ރޭ ގުރޫޕަކުން އިހްތިޔާރުކުރާ ބާވަތެއްގެ ލަވައެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީސީސީން ބުނީ މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެކަމަށާއި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް ވޯޓު ދެވޭނެކަމަށެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.