ރާއްޖޭގައި ނަމަ އައިބޭ, ބޭރުގައި ނަމަ އީބޭ, އަލީ އެކްސްޕްރެސް, އަލީބާބާ ފަދަ ޕްލެޓްފޯމް ތަކަކީ ސެކަންޑްހޭންޑް [ބޭނުން ކޮށްފައި ހުންނަ ތަކެތި] ވިއްކުމަށް ހާއްސަ ޕްލެޓްފޯމް ތަކެވެ.
ޗައިނާގައި މިހާރު ކުރިއަށް ދާ ޓްރެންޑަކީ އަދި މުޅިން ތަފާތު ޓްރެންޑެކެވެ.
އަދާ ކުރާ ވަޒީފާ އާއި ވަޒީފާ އަދާ ކުރާތަނުގައި އެކީގައި އުޅޭ އެހެން މުވައްޒަފުންނާއި އަދި ވަޒީފާދޭ ,ބޮސް, ވިއްކަނީއެވެ.
ސައުތް ޗައިނާ މޯނިން ޕޯސްޓްގައި ބުނެފައި ވާ ގޮތުން, އީ ކޮމާސް ޕްލެޓްފޯމްތައް ކަމަށް ވާ ޒިއާންޔޫ, އަލީބާބާ ފަދަ ޕްލެޓްފޯމްތަކުގައި އެމީހުން ވިއްކަން ޖަހާ ކަމަށެވެ. އެކަން ކުރާ ފަރާތްތަކުން އެކަން ކުރުމުގެ އެއް ބޭނުމަކީ މަސައްކަތުގައި ކުރިމަތިވާ ސްޓެރެސް އިން ސަލާމަތް ވުމާއި މުޅި ދުވަހު މަސައްކަތުގައި އުޅުމުގެ އިހުސާސުން ދުރަށް ޖެހިލުމެވެ.
އެފަދަ ބައެއް ސައިޓްތަކުގައި ޖަހާފައި ހުރި ބައެއް އިޝްތިހާރު ތަކުގައި 'ރުޅިގަދަ ބޮހުން', 'ގޯސް ވަޒީފާއެއް' އަދި 'އެކުގައި އުޅޭ ކޮލީގުންދެކެ ރުޅިއާދޭ' ފަދަ އިބާރާތްތައް ލިޔެފައި ވެއެވެ. އަދި ވިއްކާ އަގުވެސް ޖަހާފައި ހުރެއެވެ. އެގޮތުން, 4 ހާސް އެމެރިކާ ޑޮލަރާއި 6 ހާސް އެމެރިކާ ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ވިއްކާ ކަމަށް ޖަހާފައި އޮވެއެވެ.
އެފަދަ އެހެން މީހަކު އޭނާ އަދާ ކުރާ ވާޒީފާ ވިއްކަން ޖަހާފައި އޮތީ 1000 އެމެރިކާ ޑޮލަރަށެވެ. އޭނާ ބުނެފައި ވަނީ, އޭނާ އަދާ ކުރާ ވަޒީފާގެ މުސާރަ އަކީ މަހަކު 400 ޑޮލަރު ކަމަށާއި 3 މަހުން ގަންނަ އަގު ހަމަވާނެ ކަމަށެވެ.
އެހެން މީހަކު ޖަހާފައި އޮތީ, އޭނާގެ ރައްޓެއްސަކު ވިއްކާލައި ކަމަށާއި އަގަކީ, 500 ޑޮލަރު ކަމަށެވެ. އަދި އެ ކޮލީގަކީ, ހަރުކަށި ސިފަތަކެއް ހުންނަ ކޮލީގެއް ކަމަށާއި, އޭނާ އާ އެކު މަސައްކަތް ކުރާ އިރު, ފާޑުކިޔުމުން ސަލާމަތްވާނެ 10 ޓިޕްސް [ގޮތެއް] ވެސް ކިޔައިދޭނެ ކަމަށެވެ.
އެހެންމީހަކު ވަނީ އޭނާގެ ބޮސް އެންމެ 70 ޑޮލަރަށް ވިއްކާލާ ކަމަށް ޖަހާފައެވެ. ބުނެފައި ވަނީ އަބަދު އެއްޗެހި ކިޔާ ބޮސް އެއް ކަމަށާއި އެކަމާހެދި އޭނާގެ ބޯ ގޮވާވަރު ވާ ކަމަށެވެ.
މި ހުރިހާ އިޝްތިހާރުތަކަކީ ސީރިއަސް ކޮށް ވިޔަފާރިއެއްގެ ގޮތުގައި އެކަން ކުރުމަށް ކޮށްފައި ވާ އިޝްތިހާރުތަކެއް ނޫނެވެ. އަދި މިހެން ކޮށްފައި ހުންނަ އިޝްތިހާރަކުން މީހަކު ގަންނަން ފައިސާ ދައްކަން އުޅުނަސް އެ އިޝްތިހާރު ކުރި ފަރާތުން ޕޭމަންޓް ރިކްއެސްޓް ކެންސަލް ކުރެއެވެ. އެހެން ކަމުން މިއީ ޖޯކެއް ނުވަތަ މަޖަލަށް ކޮށްފައި ވާ ކަމެކެވެ.