އެމެރިކާގެ ޝިކާގޯގައި އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލި ކަމުގެ ކުށް ސާބިތުވެ 35 އަހަރަށް ޖަލަށްލި މީހަކަށް ކުށް ސާބިތު ކުރީ ފުލުހުންގެ ދޮގު ބަޔާންތަކުން ކަން ސާބިތުވެ މިނިވަން ވުމާއެކު ބަދަލުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ދޭން ޖެހިއްޖެއެވެ.
މިއީ އެމެރިކާގެ ތާރީހުގައި ވެސް މިހާ ބޮޑު އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހުނު މިފަދަ ފުރަތަމަ ކޭސް އެވެ.
މާސެލް ބްރައުން ނަމަކަށް ކިޔާ މީހާ، ޒުވާނާ މަރާލި ކަމަށް ސާބިތު ކުރުމަށް ފުލުހުން ދޮގު ބަޔާންތައް ހަދާ ހުށަހެޅިކަން ސާބިތު ކުރެވުނު އިރު އޭނާ ޖަލުގައި ހުންނަތާ ވަނީ 10 އަހަރު ވެފައެވެ.
ޝިކާގޯގެ ޑިސްޓްރިކްޓް ކޯޓަކުން އޭނާގެ ހުކުމް ބާތިލް ކޮށް ބަދަލު ދޭން އެންގި އަޑުއެހުމުގައި ލޯޔަރުން ބުނެފައި ވަނީ، ފުލުހުން މާސެލް ހައްޔަރު ކޮށް ކާއެއްޗެއް ނުދީ އަދި ފޯން ކޯލްގެ ހިދުމަތް ވެސް ނުދީ 30 ގަޑިއިރު ބޭންދި ކަމަށެވެ. އަދި އެ 30 ގަޑިއިރުގެ ތެރޭގައި މާސެލް އަށް ނިދިޖެހުނަ ވެސް ދީފައި ނުވަތަ ނިދިޔަ ދީފައިވެސް ނުވާކަމަށް ބުނެފައި ވެއެވެ.
އަދި 19 އަހަރުގެ ޒުވާނާ މަރާލި ކަމަށް އޭނާ އެއްބަސް ނުވާނަމަ ދިގު ދެމިގެންވާ އަދަބު ދޭނެ ކަމަށް ބުނެ އޭރު ފުލުހުން ބިރުދެއްކި ކަމަށް ވެސް ބުނެފައި ވެއެވެ.
އެ އަޑުއެހުމުގައި ވާހަކަ ދައްކަމުން މާސެލް ބުނީ އޭނާ ބަންދު ކޮށްފައި ބެހެއްޓީ 'ހުސް ސިންގާ އިން ތިބި ތަނެއްގައި' ކަމަށާއި އޭނާއަށް ވެދާނެ ގޮތަކާމެދު ފުލުހުން ބަލާވެސް ނުލާ ކަމަށެވެ. ސިންގާއިން ތިބި ތަނެއް ކަމަށް އޭނާ އިޝާރާތް ކޮށްފައި ވަނީ، ޖަލުތަކުގައި ތިބޭ އެންމެ ނުރައްކާތެރި ކުށްވެރިންނަށެވެ.