ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ޖަޕާނު ބަލި ކުރަން ވައްޓާލި އެޓޮމިކް ބޮމުގެ އިތުރުން އެކި ތަންތަނަށް ބޮންތައް އަޅާފައި ވާ އިރު, ނުގޮވާ އޮތް ބާރުގަދަ ބޮމެއް މިއަދު ގޮވައިފިއެވެ.

ޖަޕާނުގެ ހުޅަނގު ދެނުކު ބިތުގައި އޮންނަ މިޔަޒާކީ އެއާޕޯޓުގެ ޓެކްސީވޭ ގައި ގޮވި މިބޮމަކީ 250 ކިލޯގެ ގޮވާތަކެތި ހުރި ބޮމެއް ކަމަށާއި ބޮން ގޮވުމާއެކު 7 މީޓަރު ފުޅާ އަދި 1 މީޓަރު ފުން ވަޅުގަނޑެއް ހެދުނު ކަމަށް ހަބަރުތައް ބުނެއެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ބޮން ގޮވުމުގެ ސަބަބުން އެއާޕޯޓުގެ ދަތުރުތައް ހުއްޓާލައި 80 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރިއެވެ.

މިއަދު މިހާދިސާ ހިނގީ 'ޖަޕާން އެއާލައިންސް' ފުކުއޯކާ އަށް ދާން ނައްޓާލިތާ 20 މިނެޓް ވީ ތަނާއެވެ. އެއީ ހެނދުނު 7:40 އެވެ. ބޮން ގޮވީ ހެނދުނު 8 ޖެހި އިރުއެވެ.

މި ބޮން ގޮވަން ދިމާވި ސަބަބު ދެނެގަތުމަށް ޖަޕާނުގެ އޮފިޝަލުން މަސައްކަތް ކުރަމުން ދާ އިރު ބޮން ގޮވި ވަގުތު ބުރަބުރައިގެން ދިޔަ އެތިއެތިކޮޅުތައް 200 މީޓަރަށް ދިޔަ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ގޮވި ވަގުތު ބޮޑު ދުންގަނޑެއް އަރައިގެން ދިޔަ ކަމަށާއި, އޭގެ ކުޑަވަގުތުކޮޅެއްގެ ކުރިން އެ ޓެކްސީ ވޭ ބޭނުން ކުރަމުން ދިޔައީ ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ ފަލައިޓްތަކުން ކަމަށް ވެސް ބުނެއެވެ.

ދެވަނަ ބޮޑުހަނގުރާމައި އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި ޖަޕާނުން ބޭނުން ކުރަމުން އައި މި އެއާޕޯޓުން މީގެ ކުރިންވެސް ދެވަނަ ބޮޑުހަނގުރާމައިގައި ބޭނުން ކުރި 2 ބޮމެއް ނުގޮވާ އޮއްވާ ފެނިފައި ވެއެވެ. އެއީ 2011 އަދި 2021 ގައެވެ.