މާލިކް އިބްނު ދީނާރަކީ މީލާދީން 740 ގެ އަހަރުތަކުގެ ތެރޭގައި އުޅުއްވި ތަޤްވާވެރި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އުމުރުގެ ކުރީކޮޅު ހެޔޮ އަމަލުތަކާ ދުރުވެ ރާބުއިން ފަދަ ނުބައި އާދަތަކުގައި މަސްއޫލުވެގެން އުޅުއްވި ނަމަވެސް އެއްރެއަކު ބެއްލެވި ހުވަފެނަކަށް ފަހު މާތް ﷲ އަށް ތައުބާވެ އެކަލާނގެ މަގަށް އަލުން ރުޖޫއަވިއެވެ. އެއަށް ފަހު ދީން ވެރި ތަޤްވާވެރި އުޅުމެއް އުޅުއްވަމުން ގެންދެވި މާލިކް އިބްނު ދީނާރުގެ ގެއަށް އެއްރެއަކު ވަގަކު ވަނެވެ.
އެ ވަގު ކަލޭގެ އެގޭ ފާރު މަތިން ފުންމާލާ ގޯތި ތެރެއަށް ވަނީ ވަރަށް ފަސޭހަ ކަމާއެކުގައެވެ. އެހެން ނަމަވެސް ގޭ ތެރެއަށް ވަނުމާއެކު ވަގު ކަލޭގެ އަށް ލިބުނީ ޝޮކެވެ. އެހާ މަޝްހޫރު ބޭކަލަކަށް ބަލާފައި މާލިކް އިބްނު ދީނާރުގެ ގޭގައި އަގު ހުރި އެއްވެސް އެއްޗެއް ނެތެވެ.
ގޭތެރޭގައި މާލިކް އިބްނު ދީނާރު ނަމާދަށް ހުންނެވިއެވެ. އެތަނުގައި ހުންނެވީ އެކަލޭނގެ ފާނު އެކަނި ނޫން ކަން އެނގިވަޑައިގަންނަވާ ހާލު އަވަހަށް ނަމާދު ނިންމާލެއްވުމަށް ފަހު ވަގު ކަލޭގެއާ ސަލާމް ކުރެއްވިއެވެ. މާލިކް އިބްނު ދީނާރުގެ މޫނު މަތިން ހައިރާން ކަމެއް އަދި ބިރުވެރިކަމެއް ވެސް ނުފެނެއެވެ.
ބަދަލުގައި ވަގު ކާލޭގެ އަށް ދެންނެވިއެވެ.
"އަހަރެންގެ އަޚާ، الله ކަލެއަށް މާފުކުރައްވާށިއެވެ. އަހަރެންގެ ގެއިން ތިބާއަށް ނަގާނެ އެއްވެސް ފައިދާ ހުރި އެއްޗެއް ނުލިބުނެވެ. އެހެން ނަމަވެސް ފައިދާ ހުރި އެއްޗެކާ ނުލާ ނޫނީ ތިބާ މިގެއިން ދިޔައެއް ނުދޭނަން"
އެއަށް ފަހު ޖެހިގެން ހުރި ކޮޓަރިއަށް ވަޑައިގެން، ޖަގެއްގެ ފެން ގެންނަވާ ވައްކަން ކުރަން ވަތް މީހާއަށް ދިއްކޮށްލެވިއެވެ. އަދި ދެންނެވިއެވެ.
"ވުލޫ ކުރުމަށް ފަހު ދެ ރަކުވަތުގެ ނަމާދެއް ކުރާށެވެ. ހަމަގައިމުވެސް ތިބާ އަހަރެންގެ ގެއިން ނުކުންނާނީ ފުރަތަމަ ހޯދި ހަޒާނާއަކަށް ވުރެ ބޮޑު ހަޒާނާއަކާއެކުއެވެ."
މާލިކް އިބްނު ދީނާރުގެ ހެޔޮ ބަސްތަކާއި އަމަލުތަކުގެ ސަބަބުން އެވަގު ކަލޭގެ އަށް އަސަރުކޮށްފިއެވެ. އަދި އެބަސް ގަބޫލުކޮށް ވުލޫކޮށްގެން ދެ ރަކުވަތުގެ ނަމާދެއް ކުރިއެވެ.
އެއަށް ފަހު ވަގު ކަލޭގެ މާލިކް އިބްނު ދީނާރަށް ބުންޏެވެ.
"އޭ މާލިކްގެ ފާނެވެ. އަހަރެން ތިބާގެ ގޭގައި އަދި މަޑު ކުރިއަސް އެންމެ ރަނގަޅު ހެއްޔެވެ. އަހަރެން އަދި ނަމާދުގެ ދެ ރަކުވަތް ކުރަން ބޭނުމެވެ.
މާލިކްގެ ފާނު ވިދާޅުވިއެވެ.
"މާތް ﷲ އަށް ތިބާ އަށް އަމުރުކުރެއްވި ވަރަކަށް ނަމާދުކުރަން މަޑުކުރާށެވެ"
އެވަގު ކަލޭގެ މުޅި ރޭ އަޅުކަމުގައި ހޭދަ ކުރިއެވެ. އަދި އިރު އަރަންދެން ނަމާދު ކުރަމުން ދިޔައެވެ. ހެނދުނުވުމުން އޭނާ އެގެއިން ދިއުމަށް މާލިކްފާނު އެދުނެވެ. އަދި ދެން ތައުބާވެ ރަނގަޅަށް އުޅުމަށް އެދުނެވެ. އެހެން ނަމަވެސް އެ ވަގު ކަލޭގެ އެގެއިން ދާން ބޭނުން ނުވިއެވެ. އެދުވަހު ރޯދައެއް ހިފުމަށް އެގޭގައި މަޑު ކުރެވިދާނެތޯ އެދުނެވެ. އެކަމަށް ވެސް މާލިކުގެ ފާނު އެއްބަސްވެވަޑައިގެންނެވެ.
އެވަގު ކާލޭގެ އެގޭގައި އެތަށް ދުވަހަކު އުޅުނެވެ. ދުވާލު ރޯދަ ހިފުމަށް ފަހު ރޭގަނޑުތައް ހޭދަ ކުރީ ނަމާދުކުރުމުގައެވެ. އެތަށް ދުވަހަކަށް ފަހު އެގެއިން ދާން ބޭނުންވި އެކަން މާލިކްގެފާނު އަށް އަންގަމުން އެވަގު ކަލޭގެ ބުންޏެވެ.
"އޭ މާލިކު، އަހަރެންގެ ފާފަތަކާއި އަހަރެންގެ ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅި ދޫކޮށްލާ ތައުބާވުމަށް އަހަރެން ވަރުގަދަ އަޒުމެއް ކަނޑައަޅައިފީމެވެ"
ތިކަމުގައި ވަނީ މާތް ﷲގެ ރަހްމަތް ކަމަށް ވިދާޅުވެ މާލިކްގެފާނު އުފާފާޅުކުރެއްވިއެވެ.
އެވަގު ކަލޭގެ އޭނާގެ އުޅުން ދޫކޮށް އަޅުކަމާ ހެޔޮ އަމަލުތައް ކުރުމުގައި އުޅެމުން ދިޔައެވެ.
އެއްދުވަހަކު އޭނާއަށް ވައްކަން ކުރާ އެހެން މީހަކާ ދިމާވިއެވެ. އޭނާއަށް ހަޒާނާއެއް ލިބުނުތޯ އޭނާގެ އެކުވެރިޔާ އެހިއެވެ.
އެވަގު ކަލޭގެ ކިޔާ ދިނެވެ.
" އަހަރެންގެ އަހާއެވެ. އަހަންނަށް އެރޭ ލިބުނީ މާލިކް އިބްނު ދީނާރެވެ. އަހަރެން ދިޔައީ އޭނާގެ ގެއިން ވައްކަން ކުރާށެވެ. އެހެން ނަމަވެސް އެންމެ ފަހުން ވީ ގޮތަކީ އަހަރެންގެ ހިތް މާލިކުގެފާނު އަތުލުމެވެ. އަހަރެން ހަމަކަށަވަރުން الله އަށް ތައުބާވެއްޖައީމެވެ. އަދި އެކަލާނގެ ކިޔަމަންތެރި، ލޯބިވާ އަޅުން ޙާޞިލުކުރި ކަންތައްތައް ޙާޞިލުކުރެވެންދެން (އެކަލާނގެ ރަޙްމަތާއި ފާފަފުއްސެވުމުގެ) ދޮރުމަތީގައި އަހަރެން ދެމިހުންނާނަމެވެ."
މާތް ﷲގެ ހިދާޔަތް މީހަކަށް ލިބޭނީ ކޮން ވަގުތެއްގައި ކިހިނެއް ކަމެއް ބުނަން އެނގޭނެ މީހަކު ވެސް އަދި ގޮތެއް ވެސް ނޯންނާނެއެވެ. ބޮޑެތި ފާފަތައް ކޮށް މީހުންގެ ހައްގުތަކާ މުދަލަށް އަރާ އުޅޭ މީހުންނަށް އެމީހުންގެ ނުބައި އާދަތައް ވަގުތުން ދޫކޮށްލާ ފަދަ ވަރުގަދަ ހިކުމަތް އެބަ ލިބެއެވެ. އަދި އެފަދަ މާތް ނިޝާންތައް ނުލިބި މާތް ﷲގެ މަގަށް ރުޖޫއަ ނުވެވި މި ދުނިޔެ ދޫކޮށްދާ މީހުން އެއަށް ވުރެ ގިނައެވެ.
ތިމާގެ ދިރިއުޅުން ބަދަލުކޮށް ސީދާވެގެންވާ ތެދުމަގަށް އަލުން އައުމަށް މެދުވެރިކޮށް މާތް ﷲ ދެއްވާ ނިޝާންތަކާ ހިދާޔަތް އެއްވެސް ސުވާލެއް ނެތި ގަބޫލުކުރުމުގެ މުހިއްމުކަން މިވާހަކައިން އެނގިގެން ދެއެވެ. އަދި ފާފަ ފުއްސެވުމާ ތައުބާ ބަލައިގަތުމަކީ ރަހްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެއަށް އޮތް ކަމެއް ކަން ވެސް މި ވާހަކައިން އެނގިގެންދެއެވެ.