ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އަޕްގްރޭޑްކޮށް، މަރާމާތު ކުރުމަށާއި ފުޅާކުރުމަށް ޖުމްލަ 3.30 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ، ރަށްރަށުގައި މިހާރު ހުރި ނިޒާމުތަކަކީ ވަރަށް ދުވަސްވީ ނިޒާމުތަކެއް ކަމަށާއި، އާބާދީ އިތުރުވުމާ ގުޅިގެން އެ ނިޒާމުތައް އަޕްގްރޭޑްކުރުން ކޮންމެހެން ބޭނުންތެރިވެފައިވާ ކަމަށެވެ. މިނިސްޓްރީން ކުރިއަށް ގެންދިޔަ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި، ގްރޭޓާ މާލެ ސަރަހައްދު ހިމެނޭހެން މުޅި ރާއްޖޭގެ ފެނާއި ނަރުދަމާ މަރާމާތުތަކަށް 3.3 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.
ހާއްސަކޮށް މާލޭގެ ހާލަތަށް ބަލާއިރު، 1996 ވަނަ އަހަރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރީ 60،000 މީހުންގެ ފެނުގެ ބޭނުމަށާއި 45،000 މީހުންގެ ނަރުދަމާގެ ބޭނުމަށް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. ނަމަވެސް 29 އަހަރު ފަހުން މިއަދު މާލޭގެ އާބާދީ މިވަނީ 3.5 ގުނަ އިތުރުވެފައެވެ. ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް މީހުން މާލެ ސަރަހައްދުގައި ދިރިއުޅޭއިރު، މި އަދަދު އިތުރުވަމުން ދާތީ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މާލޭގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް 5,000 ޓަނުގެ އާރޯ ޕްލާންޓެއްގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 5,000 ޓަނުގެ ޕްލާންޓެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މާލޭގައި 26,000 ޓަނުގެ އަދި ހުޅުމާލޭގައި 13,000 ޓަނުގެ ފެން ރައްކާކުރާ ޓޭންކްތަކުގެ މަސައްކަތާއި، ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ރަށްރަށުގެ މިހާރުގެ ހާލަތަށް ބަލާއިރު:
- ނަރުދަމާ: 152 ރަށެއްގައި ހިދުމަތް ނިމިފައިވާއިރު، ބާކީ އޮތީ 36 ރަށެވެ (މިއީ އާބާދީގެ 5 ޕަސެންޓް).
- ފެން: 143 ރަށެއްގައި ހިދުމަތް ދެމުންދާއިރު، ބާކީ އޮތީ 46 ރަށެވެ (މިއީ އާބާދީގެ 6 ޕަސެންތް).
މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާއެއް ވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން 127 ރަށަކަށް ހިދުމަތް ދެމުންދާއިރު، ސްޓެލްކޯއިން 54 ރަށަކަށް، އެމްޑަބްލިއުއެސްސީން 6 ރަށަކަށް އަދި އެހެނިހެން އަމިއްލަ ކުންފުނިތަކުން ބައެއް ރަށްރަށަށް ހިދުމަތް ދެއެވެ. ފެނަކައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ބައެއް ރަށްރަށުގެ ހިދުމަތް ސްޓެލްކޯއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި އަހަރަކު އެވްރެޖްކޮށް 19.7 މިލިއަން ސީބީއެމްގެ ފެން އުފައްދާއިރު، މިއީ ދުވާލަކު ބޮލަކަށް 122.63 ލީޓަރުގެ ފެނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ފުރިހަމަ ހިދުމަތް ފޯރުކޮށް ދިނުމަށެވެ.
