ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް31 ގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދާއެކު ބައިވެރިވެ، ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދެ ޒުވާނަކަށް ލިބިއްޖެއެވެ.

މި ފުރުސަތު ހޯދާފައިވަނީ ޔާނިއާ ހުސައިން އިޝާން އާއި ލަސަން ސަބާހް އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ދެ ޒުވާނުން ހޮވިފައިވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދިޔަ "ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމުގެ ތެރެއިންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ދަތުރުގައި ޔާނިއާ އާއި ލަސަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހި ޒުވާނުންގެ ހިޔާލުތަކާއި ދެކޭގޮތް ބައިނަލްއަގްވާމީ މައިދާނުގައި ހުށަހެޅުން ކަމަށެވެ. އަދި ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމަށް ޒުވާނުންގެ ހުރި ހައްލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަކީ މި ދަތުރުގެ މައިގަނޑު އެއް ބޭނުންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ކޮޕް31 ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 9 އިން 20 އަށް ތުރުކީވިލާތުގެ އަންތާލިޔާގައެވެ.

މޫސުމީ މުސްތަގުބަލު ބައްޓަންކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ބޭއްވި "ޔޫތު ޓްރެކް ޓު ކޮޕް31" މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ނުވަތަ "ލޮސް އެންޑް ޑެމޭޖް" އަށެވެ.