މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، ދައުލަތުގެ ރިޒާވް 130 މިލިއަން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ހާމަކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ މެއި މަހުގެ ޖުމްލަ ރިޒާވް 622 މިލިއަން ޑޮލަރުގައި ހުރި އިރު ދައުލަތުގެ ރިޒާވް މިހާރު ހުރީ 492 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން ދައުލަތުގެ ރިޒާވް ވަނީ 21 ޕަސެންޓު ދަށަށް ގޮސްފައެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މި އަހަރުގެ މެއި މަހުގެ ރިޒާވް ވަނީ 34 ޕަސެންޓް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މެއި މަހު ރިޒާވްގައި 748 މިލިއަން ރުފިޔާ ހުއްޓެވެ. ނަމަވެސް މިދިޔަ އަހަރު އެންމެ ބޮޑަށް ގްރޮސް ރިޒާވް ދަށްވި، އޮކްޓޫބަރު މަހުގައިވެސް ރާއްޖޭގެ ރިޒާވްގައި 552 މިލިއަން ޑޮލަރު ހުއްޓެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތަކީ ފާއިތުވި 10 އަހަރުގެ ސަރުކާރުތަކުގެ ސިޔާސަތުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަކީ ވަރަށް މަދު ބާވަތެއް ނޫނީ ހުރިހާ މުދަލެއްވެސް ބޭރުން އެތެރެކުރާ ގައުމަކަށްވަތީ އިމްޕޯޓާއި އެކްސްޕޯޓު ފަރަގު ބޮޑުކަން ފާހަގަކުރައްވާ އެރްދެމް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު އިތުރަށް ފުޅާ ކުރުމަކީ ނުވަތަ އިތުރަށް ދަރަންޏަށް ފައިސަ ހޯދުމަކީ މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތް ނޫން ކަމަށެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކޮށް މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓުތައް ކުޑަ ކުރުމާއެކު ދެ ބާވަތުގެ ޑެފިސިޓު ދަށް ކުރެވިއްޖެނަމަ އެމްއެމްއޭގެ ރިޒާވަށް ލުއި ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗުންވެސް ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެގޮތުން މިދިޔަ ދެ އަހަރު ފިޗުން ރާއްޖެއަށް 'ބީ ނެގެޓިވް' ގެ ރޭޓިން އެއް ދީފައިވާއިރު، މިއަހަރުގެ ރޭޓީންގް ފިޗުން ވަނީ 'ސީސީސީ ޕްލަސް' އަށް ދައްކޮށްފައެވެ.