ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކުޅޭ ޖޯޖިއާއިން ގްރޫޕް އެފްގެ އެއްވަނަ ޓީމު ޕޯޗުގަލް ބަލިކޮށް ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ޖޯޖިއާއިން ޕޯޗުގަލް ބަލިކޮށްފައިވަނީ 0-2 އިންނެވެ. މިނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް ދެވަނަ ބުރަށް ދިޔަ އިރު މި ސްކޯލައިނާއެކު ޖޯޖިއާ މިވަނީ ގްރޫޕްތަކުގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދި އެއް ޓީމަށް ވެ މިފަދަ ހަތަރު ޓީމަށް ދެވަނަ ބުރުން ލިބިފައިވާ ޖާގަ ހޯދާފައެވެ.
މިމެޗުގައި ޖޯޖިއާއިން ލީޑު ނެގީ މެޗުގެ 2 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ވިޝާ ވަރަޓްޝޭކިލިއާއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި ފުރަތަމަ ލަނޑަށް ވީ އިރު މުޅި މެޗުގައި ވެސް އިޓަލީގެ ނަޕޮލީގެ ކުޅުންތެރިޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ކުރިން ދެވަނަ ބުރާ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއަށް ކަށަވަރުވެފައި އޮތް އިރު ޓީމުގެ ކޯޗު މާޓިނޭޒް ވަނީ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެހެން ނަމަވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭގެ މެޗު ފެށި އިރު ޖޯޖިއާގެ ޑިފެންސުން ރޮނާލްޑޯއަށް ހަމަ ނޭވާލާނެ ފުރުސަތެއް ނުދެއެވެ.
ޖޯޖިއާގެ ޑިފެންސްގެ އިތުރުން ކީޕަރު މާމަޑެޝްވިލީ ވެސް ވަނީ ހުނަރުވެރި ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފް ޖޯޖިއާ ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފަށައިގެން މެޗުގެ 57 ވަނަ މިނެޓްގައި ޖޯޖިއާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯޖެސް މިކައުޓަޑްޒޭއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި 3 ވަނަ ލަނޑަށްވާ އިރު އޭނާ އަކީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ޕޮޗުގަލްއިން ޖޯޖިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެޓީމުގެ ޑިފެންސް ފޫއަޅުވާލާ މާމަޑެޝްވިލީ ބީޓް ކޮށްލެވޭ ފަދަ ހަމަލާއެއް ނުއުފެއްދުނެވެ. އަދި މެޗު ނިމުނީ 0-2 އިން ޖޯޖިއާ މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްގެންނެވެ. ދެވަނަ ބުރުގައި ޖޯޖިއާއިން ނިކުންނާނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ސްޕެއިންއާ ދެކޮޅަށެވެ. އަދި ޕޯޗުގަލް ކުޅޭނީ ސްލޮވޭނިއާއާއެވެ.
ގްރޫޕްގެ ދެވަނަ ދިޔައީ ޗެކްރިޕަބްލިކް ބަލިކުރި ތުރުކީއަށް
މި ގްރޫޕްގެ އަނެއް މެޗުގައި ތުރުކީއާ ޗެކްރިޕަބްލިކް ބައްދަލުކުރި އިރު ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ނިމުނީ 2-1 އިން ތުރުކީ މޮޅުވެގެންނެވެ. ޖުމްލަ 18 ރީނދޫ ކާޑާ ދެ ރަތް ކާޑު ފެނިގެން ދިޔަ މިމެޗުގެ 20 ވަނަ މިނެޓްގައި ޗެކްރިޕަބްލިކްގެ ބަރަކްއަށް ވަނީ ދެ ރީނދޫ ހަމަވެ ރަތް ކާޑެއް ދައްކާފައެވެ. އެއަށް ފަހު މެޗުގެ ކޮންޓްރޯލް ތުރުކީއިން ނެގި ނަމަވެސް އެޓީމަށް ޗެކް ކޮޅަށް ގޯލެއް ޖެހުނީ ދެވަނަ ހާފްގައި މެޗުގެ 52 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކެޕްޓަން ހަކާން ޗަނަލޫލޫއެވެ.
އެއަށް ފަހު މެޗުގެ 66 ވަނަ މިނެޓްގައި ޗެކުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކެޕްޓަން ތޯމަސް ސޫޗެކްއެވެ.
މެޗު ނިމެން ދަނިކޮށް ތުރުކީން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބަދަލު ކުޅުންތެރިޔާ ޓޯސުންއެވެ. މެޗު ނިންމާ ރެފްރީ ކަށިގަނޑު ފުމެލިފަހުން ދަނޑު މަތީ ދެޓީމުގެ ކުޅުންތެރިންގެ ދެމެދު ކުރިމަތިލުންތަކެއް ހިނގި އިރު ރެފްރީ ވަނީ ޗެކްގެ އެހެން ކުޅުންތެރިއަކަށް ވެސް ރަތް ކާޑު ދައްކާފައެވެ.
މިމެޗުން މޮޅުވެ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައި ތުރުކީ ގަދަ 16 އަށް ދިޔަ އިރު އެޓީމުން ދެވަނަ ބުރުގައި ވާދަކުރާނީ އޮސްޓްރިއާއާއެވެ.