މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ ރައްޔިތުންނަށާއި އެ މަގުން ހިނގާބިނގާވެ އުޅޭ އާންމުންނަށް ތަކުރާރުކޮށް ބޮޑެތި އުނދަގޫތަކެއް ކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކޮށް، ފަރުވާއަށް ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މަރުކަޒަށް ބަދަލުކުރި އަހުމަދު ފައިރިޝް އެތަނުން ފިލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށުން ފައިރިޝް ވަނީ ފަރުވާއަށްޓަކައި ކ. ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައެވެ. އަދި އެ މަރުކަޒުގެ ބެލުމުގެ ދަށުގައި ހުއްޓައި، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ.
ފައިރިޝް ހައްޔަރުކޮށް ފަރުވާއަށް ފޮނުވާފައިވަނީ، އޭނާގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި އަނިޔާ ލިބޭ އާއިލާއަކަށް ނިސްބަތްވާ އާންމު ރައްޔިތަކު ފުލުސް އޮފީހަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައި ވަނިކޮށެވެ.
ފުލުހުންގެ އިދާރާގައި އިހުތިޖާޖުކުރި މީހާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފައިރިޝްގެ ފަރާތުން އެ ސަރަހައްދުގެ މީހުންނަށް ވަނީ ބޮޑެތި އުނދަގޫތަކާއި ބިރުވެރިކަން ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މަގުންދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައިގެންނާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުން ފަދަ އަމަލުތައް ހިމެނެއެވެ.
މީގެއިތުރުން، އެ ސަރަހައްދުގެ ގެއަކަށް ކުނިއެޅުމާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމުގެ އިތުރުން، ދަންވަރުން ފެށިގެން ފަތިސް ވަންދެން ހަޅޭއްލަވައި އަޑުގަދަކުރުމާއި، ހުއްދައަކާ ނުލައި މީހުންގެ އިމާރާތްތަކަށް ވަދެގަތުން ފަދަ ނުރައްކާތެރި އެތައް އަމަލެއް އޭނާ ހިންގަމުންދިޔަކަން ވީޑިއޯ ހެކިތަކާއެކު އާންމުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ، އާންމުންގެ އެ ކަންބޮޑުވުންތަކަށް ފުލުހުން ވެސް ކަންބޮޑުވާ ކަމަށާއި، މިކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ހިންމަފުށީ އެންޑީއޭ މަރުކަޒުން ފައިރިޝް ފިލާފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
