މި އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ފަހު އެނބުރި ރާއްޖެ އައި މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ގާއިމް ކޮށްފިއެވެ.
އައިޖީއެމްއެޗް އިން ބުނީ، އެ ކްލިނިކުން ޑޮކްޓަރަަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމް ހުންނަ ފަޅިން ވަދެވޭ ދޮރާށިން ވަންނަ އިރު، އެ ސަރަހއްދުގައި ހައްޖު ކްލިނިކްގެ ޓްރިއޭޖް ކައުންޓަރު ހުންނާނެއެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުން އެންމެ ފުރަތަމަ ދާން ޖެހޭނީ މި ކައުންޓަރަށެވެ. އެ ހޮސްޕިޓަލުގައި ހައްޖު ފްލޫ ކްލިނިކް ގާއިމްކޮށްފައި ވަނީ ލުއިބުއިން ހުންނަ ސަރަހައްދުގައި ބަލި މީހުން ބަލާ 10 ނަންބަރު ކޮންސަލްޓޭޝަން ރޫމުން ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
މި ފްލޫ ކްލިނިކް ގާއިމްކޮށްފައި މި ވަނީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ދިވެހިރާއްޖެ އިން ފެނުމާ ގުޅިގެންނެވެ. މި ބަލި ރާއްޖެއިން ފެނިފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އެނބުރި އައި ފަރާތެއް އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކަމާ ބެހޭ އެއްވެސް ފަރާތަތކުން ހާމައެއް ނުކުރެއެެވެ.
މި ކޭސްއާ ގުޅިގެން އެޗްޕީއޭއިން ބުނެފައި ވަނީ، މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާ ހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ. މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށާއި މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.