މާލޭގެ މަގުމަތީގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް ސެލޫނެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް، އަނިޔާވެފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބުދެލިޔާ މަގު ގުޅުނު ކަންމަތީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 09:16 ހާއިރު ކަމަށެވެ.

ނަމަވެސް ކުރިން ފުލުހުން ބުނެފައި ވަނީ ސަބުދެލިޔާ މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި، އެއް ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހިފައިވާ ކަމަށެވެ. ފަހުން ފުލުހުން ބުނެފައި ވަނީ އެއީ ސެލޫނެއްގެ ބިއްލޫރިގަނޑު ކަމަށެވެ. އަދި ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެންގޮސް، ސައިކަލު ވަނީ ސެލޫންގެ އެތެރެއަށް ވަދެފައެވެ. މި ހާދިސާގެ ސަބަބުން އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ކޮންޓްރޯލް ނުވެ ގޮސް ސެލޫންގެ ބިއްލޫރިގަނޑުގައި ޖެހުނު ސައިކަލު ދުއްވަން އިން 17 އަހަރުގެ އަންހެން ކުއްޖާއަށެވެ. އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، މާ ބޮޑު ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަގުތުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.