ދަމަނަވެށިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތްތައް ވަގުތީގޮތުން އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު އަށް ބަދަލުކޮށްފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަމަނަވެށި އިމާރާތުން ދެމުންދިޔަ ހުރިހާ ހިދުމަތްތަކެއް މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް ވަގުތީ ގޮތުން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އައިޖީއެމްއެޗް އިން ހާމަކުރި ގޮތުގައި މި ބަދަލަކީ ވަގުތީ ބަދަލެކެވެ. އަދި ވަކި ގޮތެއް އަންގަންދެން ދަމަނަވެށީގެ ހިދުމަތްތައް ކުރިއަށްދާނީ މާފަންނު ސެންޓަރުންކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
އިތުރަށް އެ ހޮސްޕިޓަލުން ބުނީ މި ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 3335335 އަށް ގުޅުމަށް އެދިފައެވެ.
އާންމު ސިއްޙަތުގެ ނިޒާމުގެ ދަށުން ގާއިމް ކުރެވިފާއިވާ ދަމަނެވެށިތަކުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާ، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާ، އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ސިއްހީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެ ދޭ ސެޝަންތައް ބޭއްވުމާ، ކައުންސެލިން ހިދުމަތުގެ އިތުރުން ބަލިތައް ދެނެގަތުމަށް ސްކްރީނިން ހިދުމަތްތައް ދެއެވެ.
